ކުޅިވަރު

ބަނގްލަދޭޝް އަތުން ބަލިވެ، މެޑަލް ހޯދުމުގެ ފުރުސަތު ގެއްލިއްޖެ


ބަނގްލަދޭޝް އަތުން ބަލިވެ ސައުތްއޭޝިއަން ގޭމްސްގައި މެޑަލްއެއް ހޯދުމުގެ ފުރުސަތު ދިވެހި އަންހެން ފުޓްބޯޅަ ޓީމަށް ގެއްލިއްޖެއެވެ.12ވަނަ ސައުތް އޭޝިއަން ގޭމްސްގައި މިއަދު ބަނގްލަދޭޝް އަތުން މޮޅުވެ މެޑަލްއަކާއެކު ގޭމްސް ނިންމާލުމުގެ ފުރުސަތު ދިވެހި ޓީމަށް ވަރަށް ބޮޑަށް އޮތީ ހުޅުވިފައެވެ. އެހެންނަމަވެސް ދިވެހި ޓީމްވަނީ މިއަދު ބަނގްލަދޭޝް ޓީމް އަތުން 2-0 ން ބަލިވެފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ފުރަތަމަ ހާފްގައި ދިވެހި ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ގޯލް ޖާހާނެ ފުރުސަތުތަކެއް ތަނަވަސްކުރުމުގެ އިތުރަށް ދިވެހި ޓީމުންވަނީ ބަނގްލަދޭޝްގެ ގިނަ ހަމަލާތަކެއްވެސް ދިފާއުކޮށްފައެވެ. މެޗުގައި ބަނގްލަދޭޝުން ޖެހި ދެ ގޯލްވެސް ޖެހީ ދެވަނަ ހާފްގައެވެ. އެޓީމްގެ ފުރަތަމަ ގޯލް މަޒީއާ ޖެހިއިރު، ބަނގްލަދޭޝްގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ސަބީނާ ޚަތުންްއެވެ. މެޗަށްފަހު ދިވެހި ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް ނައޯކޯ ކަވަމޯޓޯ ބުނީ މެޗުގައި ދިވެހި ޓީމުން އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ދެއްކިކަމަށާއި، ދިވެހި ޓީމަށް މެޗުގައި ނަސީބު އެހީ ނުވީކަމަށެވެ. ގޯލް ޖަހާނެ ފުރުސަތުވެސް ލިބުނުކަމަށާއި، މިއަދުގެ މެޗުގައި ނަސީބުއޮތީ ބަނގްލަދޭޝްގެ ކޮޅުގައިކަމަށް ކޯޗް ނައޯކޯ ބުންޏެވެ."މިއަދު މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، އަހަރުމެން މިއަދު ނަސީބު ދެރައީ، ބަނގްލަދޭޝް މާ މޮޅަށް ކުޅެގެނެއް ނޫން އެމީހުން މިއަދު މޮޅުވީ" ކޯޗް ނައޯކޯ ބުންޏެވެ.ކޯޗް ނައޯކޯ ބުނީ ދިވެހި އަންހެން ޓީމްގެ ފެންވަރު މިހާރު ކުރިއަށް ޖެހިލާފައިވާ މިންވަރު މިއަދުގެ މެޗުން ފެނިއްޖެކަމަށާއި، ކުރިއަށް އޮތް ލަންކާ މެޗުގައި ދިވެހި ޓީމު ކުޅޭނީ އެޓޭކިންގ ގޭމެއްކަމަށެވެ. ސައުތް އޭޝިއަން ގޭމްސްގައި ދިވެހި ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ކުޅޭ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.