ސިޔާސީ

2018ގެ އިންތިޚާބުގެ ކުރިން އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ


ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ފުރިހަމައަށް ޤާއިމްކޮށް އިޞްލާޙީ ބަދަލުތަކެއް ގެނެވިގެން މެނުވީ 2018 ވަނަ އަހަރު އިންތިޚާބު  އިންސާފުވެރިވާނޭ ކަމާމެދު ޝައްކު އުފެދޭކަމަށް ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ ޔޫރަޕިއަން ޕާލިމަންޓްގެ ވަފްދުން ބުނެފިއެވެ.އީޔޫ ޕާލަމަންޓްރީ ވަފްދުން މިކަމާބެހޭގޮތުން ވާހަކަދެއްކީ ރާއްޖޭގެ ސިޔާސީ ޙާލަތު ދެނެގަތުމަށް ކުރާ ދަތުރުގެ ތެރެއިން ނޫސްވެރިންނާ މިއަދު ބައްދަލުކޮށް، މަޢުލޫމާތުދެމުންނެވެ.އެ ވަފުދުގެ ނާއިބު ރިޗަޑް ހަވެޓް ވިދާޅުވީ މިދަތުރުގެ ތެރެއިން އެކި ފަރާތްތަކާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުން ރާއްޖޭގައި މިހާރު ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ލިބިދެއްވާފައިވާ ގިނަގުނަ އަސާސީ ޙައްޤުތަކެއް ހަނިކުރެވިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ޚިޔާލްފާޅުކުރުމާއި، އެއްވެއުޅުން އަދި ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިއުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާކަން އެކިއެކި ފަރާތްތަކާ ދެކެވުނު ވާހަކަތަކުން ހާމަވެފައިވާކަމަށް ހަވެޓް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޖުޑީޝަރީގައި ހުރި މައްސަލަތައް އިޞްލާޙުކޮށް، ޑިމޮކްރަސީގެ ހަމަތަކާ ޚިލާފަށް ސިޔާސީ ކުށްވެރިން ހައްޔަރުކޮށްގެން، ސިޔާސީ މަޝްވަރާތައް ކުރިޔަށް ނުގެންދެވޭނަމަ އީޔޫ ޕާލިމަންޓުން ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވަރަށް ބޮޑަށް ވިސްނާކަމަށް ހަވެޓް ވިދާޅުވިއެވެ.އީޔޫ ޕާލިމަންޓްރީ ވަފްދުން ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތައް، މަޖްލިސް، އިލެކްޝަން ކޮމިޝަން، އެހެނިހެން މިނިވަން މުއައްސަސާތައް އަދި ޖުޑީޝަރީ ފަރާތްތަކާ ބައްދަލްކޮށް ވާހަކަ ދައްކަވާފައެވެ.މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އީޔޫ ވަފްދުގެ ވެރިޔާ ޖޯން ލަންޕާޓް ވިދާޅުވީ ހުރިހާ ފަރާތްތަކާއެކު ބޭއްވުނު މަޝްވަރާތަކުންވެސް ރާއްޖޭގެ ޖުޑީޝަރީ އިޞްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނުކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި، މީޑިއާ މިނިވަން ކަންމަތީ މަސައްކަތްކުރުމުގެ ފުރުޞަތު ހަނިކަންވެސް ފާހަގަކުރެވުނު ކަމަށެވެ.މި ނިވްސް ކޮންފަރެންސްގައި، ވަފްދުގެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމާއި އަދި ސަރުކާރާ ވަފުދުން ދެއްކި ވާހަކަތައް ކުރިޔަށް ދިޔަ ގޮތާމެދު ޕީއެސްއެމްއިން ސުވާލުކުރުމުން، އީޔޫގެ ވަފުދުން ސުވާލަށް ސީދާ ސާފުޖަވާބެއް ދީފައެއް ނުވެއެވެ.