ޚަބަރު

ހުޅުމާލެއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރެވިއްޖެ- ސްޓެލްކޯ


ދޭތެރެދޭތެރެއިން ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވީ މިދުވަސްވަރަކީ، ހޫނުގަދަ ދުވަސްވަރަކަށްވެފައި، ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވެ، އިންޖީނުތަށްވެސް ހޫނުވެ ލޯޑުބޮޑުވުމުގެ ސަބަބުން ކަމަށާއި، އެމައްސަލަ މިހާރު ޙައްލުކުރެވިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.ހުޅުމާލެއަށް ކަރަންޓް ބޭނުންވާ ނިސްބަތް އިތުރުވާތީ ސްޓެލްކޯއިން މިހާރު ވަނީ ކަރަންޓްގެ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމަށް ބޮޑެތި މަޝްރޫޢުތަކެއް ފަށްޓަވާފައެވެ.ހުޅުމާލެއަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ތަރައްޤީކުރައްވާ ރަށެކެވެ. ޔޫތު ސިޓީގެ ގޮތުގައި ހުޅުމާލޭގައި މިހާރުވެސް ތަފާތު ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަވާއިރު، ދުވަހެއް ދުވަހަކަށް ހުޅުމާލޭގައި ދިރިއުޅެން ފަށައި، މީހުންގެ ޢަދަދު ދަނީ އިތުރުވަމުންކަން ފާހަގަކުރެވެއެވެ. ހުޅުމާލޭގެ ގޭބިސީތަކަށާއި، މަޝްރޫޢުތަށް ކުރިއަށް ގެންދަވާ ސައިޓްތަކަށް ދުވާލެއްގެ މައްޗަށް 5400 ކިލޯ ވޯޓްގެ ކަރަންޓް ބޭނުންކުރެވެމުންދެއެވެ.މިއަހަރު ފެށުމާއެކު، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑެމުންދިޔައެވެ. އަދި ހަމައެހެންމެ ކުޑަވަގުތުކޮޅަކަށްނަމަވެސް ދެފަހަރަކު މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިގެންދިޔައެވެ. މާލެއާއި ހުޅުމާލެއަށް ކަރަންޓްގެ ޚިދުމަތްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނީ، އެގެތަކުން ކަރަންޓް ކެނޑެންދިމާވީ ކަރަންޓް ދިނުމަށް ބޭނުންވާވަރަށް ޖަނަރޭޓަރުތައް ނެތުމުން ނޫންކަމަށާއި، ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް 9 ޖަނަރޭޓަރަކުން 6800 ކިލޯ ވޯޓްގެ ކެޕޭސިޓީ އެބަހުރިކަމަށެވެ.ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައޫފް ވިދާޅުވީ، މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވުމުން އިންޖީނުތަކަށް ބޭނުންވާ ވައި ނުލިބި، އިތުރުން، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ބައެއް އިންޖީނުތަށް ބޭނުންވާ ވަރަށް ފިނިނުވުމުގެ ސަބަބުން އޭގެ ރައްކާތެރިކަމަށްޓަކައި އިންޖީނުތަށް އޮޓަމެޓިކުން ނިވެނީ ކަމަށެވެ. އެހެންނަމަވެސް އެމައްސަލަ މިހާރު ޙައްލުކުރެވިފައިވާކަމަށް ރައޫފް ވިދާޅުވިއެވެ.ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވި ގޮތުގައި ސްޓެލްކޯއިން މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުން ކުރިއަށް ތާނގައި ހުޅުމާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް 2000 ކިލޯވޯޓްގެ ޖަނަރޭޓަރެއް ވަރަށް އަވަހަށް ގެންނާނެކަމަށް ރައޫފް ވިދާޅުވިއެވެ. އަދި ލޯޑްޝެޑިންގ ސިސްޓަމެއް ޤާއިމކުރުމަސް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށާއި އެމަސައްކަތައް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ލިބޭނެކަމަށްވެސް ރައޫފް ވިދާޅުވިއެވެ.މީގެ އިތުރުން ހުޅުމާލޭގައި 50 މެގަވޯޓްގެ ޕަވަރޕްލާންޓެއް ޤާއިމުކުރުމަށް ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ޕަވަރޕްލާންޓްގެ ސަބަބުން ބްރިޖް މެދުވެރިކޮށް ހުޅުމާލޭގެ އިތުރުން ހުޅުލެއާއި، މާލޭގެ ބައެއްތަންތަނަށް ބައެއް ޙާލަތްތަކުގައި ކަރަންޓް ފޯރުކޯށް ދެވޭނެކަމަށެވެ.އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭގައި 1500 ކިލޯވޯޓްގެ ސޯލާ ސިސްޓަމެއް ޤާއިމްކުރުމުގެ މަޝްރޫޢެއް މިހާރުވެސް ކުރިޔަށްގެންދާކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.