ދުނިޔެ

އިރާޤުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނާނަން - ބޮޑުވަޒީރު


އިރާގުގެ ކެބިނެޓަށް ބަދަލުތަކެއް
ގެންނަވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީ ވިދާޅުވެއްޖެއެވެ. އަބާދީ
ވިދާޅުވީ ކެބިނެޓަށް ގެންނަވާ މިބަދަލުގައި އިސްކަން ދެއްވާނީ ސިޔާސީ ބޭފުޅުންގެ
ބަދަލުގައި ފަންނީ ޓެކްނޮކްރޭޓުންނަށް ކެބިނެޓްގެ މަގާމުތައް
ދެއްވުމަށްކަމަށެވެ. އިރާގުގެ ކެބިނެޓްގެ މަގާމުތަކަށް މިހާރު އައްޔަންކުރައްވާފައިވާ
ގިނަ ވަޒީރުންނަކީ ސިޔާސީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާތީ ސިޔާސީ
ބޭނުންތަކުގައި ވަޒީރުކަން ދެއްވާފައިވާ ބޭފުޅުންނެވެ. އިރާޤުގެ ރަސްމީ ޓީވީ
މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އަބާދީ ވިދާޅުވީ އިރާގަށް ކުރިމަތިވެފައިވާ
އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވޭނީ ކެބިނެޓްގެ ވަޒީރުންގެ ގޮތުގައި ޢިލްމީ
އަދި ފަންނީ ބޭފުޅުން ތިއްބަވައިގެންކަމަށާއި ކެބިނެޓަށް އިލްމީ ބޭފުޅުން
ގެނައުމުގެ މައިގަނޑު ބޭނުމަކީ މިއީ ކަމަށެވެ.