މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ ގޭބިީސީތަކުގެ އާމްދަނީއާއި ޚަރަދުކުރުމުގެ ސަރވޭ މާލޭގައި ފަށައިފިއެވެ.
"ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ (އެޗް.އައި.އީ.އެސް) 2026" އަކީ ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދު ބެލުމަށް، ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްސަ ސަރވޭއެކެވެ.
ގޭބީސީގެ ޚަރަދުތަކާއި ލިބޭ އާމްދަނީއާއި ގުޅޭގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ ސަރވޭ މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29އިން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ ސަރވޭ ކުރިއަށްގެންދާއިރު ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރަމުންދާނެކަމަށާއި، މަޢުލޫމާތު ހޯދުމަށްދާ އެއިދާރާގެ ޓީމުތަކުން ބިއުރޯގެ އައިޑީ ބޭނުންކުރާނެކަމަށެވެ. އެހެންކަމުން މިކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމަށް އެއިދާރާއިން އެދިވަޑައިގަންނަވައެވެ.
މިސަރވޭގައި ގޭބީސީގެ އެވްރެޖް ޚަރަދާއި އެކިކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު މިސަރވޭގެ އަލީގައި އެކުލަވާލުމަށް ހަމަޖެހިފައިވާއިރު، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާޙުކުރުމަށްވެސް މިސަރވޭއިން ލިބޭ މަޢުލޫމާތުގެ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.
* ގޭބިސީގެ އެވްރެޖް އާމްދަނީއާއި ޚަރަދުތައް ބެހިފައިވާގޮތް
* ތަޢުލީމު ޙާސިލުކޮށްފައިވާ މިންވަރު
* ހިޖުރަކޮށްފައިވާނަމަ އެކަމުގެ މަޢުލޫމާތު
* ވަޒީފާގެ މަޢުލޫމާތު
* އާމްދަނީ ނުލިބި އަމިއްލަ ގޭބިސީއާއި އާއިލާއަށްކޮށްދޭ ޚިދުމަތްތަކުގައި ހޭދަކުރާ ވަގުތު
* ގޭބީސީގައި ބޭނުންކުރާ ހަރުމުދާ
* ދިރިއުޅޭ ގޭބީސީއާއި އެތަނުގެ އާންމު މަޢުލޫމާތު
* ފޯނު ބިލު
* ކަރަންޓު ބިލު
* ފެން ބިލު
* ދަތުރުފަތުރު
* ޞިއްޙީ ޚިދުމަތަށް ކުރާ ޚަރަދު
* ތަޢުލީމު ހޯދުމަށް ކުރާ ޚަރަދު
* އަންނައުނަށް ކުރާ ޚަރަދު
* ކާބޯތަކެއްޗަށްކުރާ ޚަރަދު
* ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މަޢުލޫމާތު
ކޮންމެ 5 އަހަރުން ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ މިސަރވޭ އެންމެ ފަހުން ކުރިއަށްގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ގޭބިސީތަކުގެ ޚަރަދާއި އާމްދަނީއަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސްޓެޓިސްޓިކްސް ބިއުރޯއިންދަނީ ކުރަމުންނެވެ.
މާލެއާއި ސިޓީތަކުން 2085 ގޭބީސީން މި ސަރވޭއަށް މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުގައި ޖުމުލަ 2010 ގޭބީސީން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ޖުމުލަ 4095 ގޭބީސީއެއްގެ މަޢުލޫމާތު މިސަރވޭގެ ތެރެއިން އެއްކުރާނެއެވެ.
ގޭބިީސީތަކުގެ އާމްދަނީއާއި ޚަރަދުކުރުމުގެ ސަރވޭ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މިއަހަރު ތެރޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ކ. އަތޮޅާއި، މ. އަތޮޅާއި، އައްޑޫ ސިޓީއާއި، ލ.އަތޮޅު އަދި ނ.އަތޮގައި މިސަރވޭވަނީ ކުރިއަށްގެންގޮސްފައެވެ.