ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ ހަރުކަށި ޖަމާޢަތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ޙަރަކާތްތަކަށް ކުވައިތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަނަމަވެސް އެޖަމާޢަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރި ނުވާނެކަމަށް ކުވައިތުން ބުނެފިއެވެ.ކުވައިތުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ޤައުމުގެ ދިފާޢުގައި ނޫނީ ހަނގުރާމަކުރުން ކުވައިތުގެ ދުސްތޫރު މަނާކުރާކަމަށެވެ. ކުވައިތަކީ އަލްގާއިދާއާއި އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި މިދިޔަ ޑިސެމްބަރު މަހު ސައޫދީ އަރަބިޔާއިން އިއުލާންކުރި އިސްލާމީ ކޯލިޝަންގައި ހިމެނޭ ގައުމެކެވެ. މިއީ ތިރީސް ހަތަރު ގައުމު ހިމެނޭ ކޯލިޝަނެކެވެ. ނަމަވެސް އަލްގާއިދާއާއި އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އަމަލީ އެއްވެސް ކަމެއް މިކޯލިޝަންއިން މިހާތަނަށް ކޮށްފައެއްނުވެއެވެ. މީގެއިތުރުން އައިއެސް ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށްބުނެ ދެހާސް ސާދަވަނަ އަހަރު އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަންގައިވެސް ކުވައިތު ހިމެނެއެވެ. އިރާގާއި ސޫރިޔާގައި ހަކަރާތްތެރިވާ އައިއެސް އާއި އަލްގާއިދާފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ކުވައިތު ބައިވެރިވުމުގެ މައްސަލަ ފެންމަތިވެފައިމިވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ސައޫދީ އެއްގަމު ސިފައިންގެ ލަޝްކަރެއް ސޫރިޔާއަށް ފޮނުވަން ތައްޔާރަށް އޮތްކަން ސައޫދީ ސަރުކާރުން ހާމަކުރުމާ ގުޅިގެނެވެ.ސައޫދީގެ މިނިންމުމާއެކު ގަލްފުގެ ކުޑަ އެހެން ދެގައުމުކަމަށްވާ ބަހްރައިން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިންވެސްވަނީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެންކުރާ ހަނގުރާމައިގާ ބައިވެރިވުމަށްޓަކައި ސޫރިޔާއަށް އެއްގަމު ސިފައިން ފޮނުވަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިކަމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ކުވައިތުގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އައްޝައިޚް މުހައްމަދުލްމުބާރަކް އައްސަބާޙް ވިދާޅުވީ އިރާގާއި ސޫރިޔާގައި ހަކަރާތްތެރިވާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ޖީސީސީގެ ގައުމުތަކުން އެހެންގައުމުތަކުން ހިންގާ ހަރަކާތްތަކަށް ކުވައިތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް މިކަމުގައި ކުވައިތަށް ބައިވެރިވެވޭނީ ކުވައިތުގެ ދުސްތޫރު ތަންދޭ މިންވަރަކަށް ކަމަށް ޝައިޚް ސަބާޙް ވިދާޅުވިއެވެ."ދާއިޝް ގެ ގެނަމުން ނަންދީފައިވާ ހަރުކަށި ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޖީސީސީގެ ގައުމުތަކާ އަދި ޚާއްސަކޮށް ސައޫދީ އަރަބިޔާއާއެކު ކުވައިތުވަނީ ކޮނޑާ ކޮނޑު ޖައްސާފާ، މިކަމުގައި އަހަރެމެންގެ ދުސްތޫރުގެ އިމުގެ ތެރޭގައި ކުރެވެންއޮތް ކަމެއްކުރުމަށް ކުރުމާށާއި ދެވެންއޮތް އެއްޗެއް ދިނުމަކީ އަހަރެމެން ބޭނުންވާ، އަދި އުފާވެސްވާ ކަމެއް." ސަބާޙް ވިދާޅުވިއެވެ.ޑިޕްލޮމޭޓުން ވިދާޅުވާގޮތުގައި އިރާގާއި ސޫރިޔާގައި އެމެރިކާ އިސްވެ އޮވެގެން ހިންގާ ހަނގުރާމައިގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ކުވައިތުންވަނީ ބައެއް ހާލަތްތަކުގައި އެގައުމުގެ ވައިގެ ބޭސްތައްވެސް ދީފައެވެ. ކުވައިތަށް ނުރައްކާވާ ހާލަތުގައި އެގައުމުގެ އަމިއްލަ ދިފާއުގައި ނޫނީ ހަނގުރާމަ ކުރުން ކުވައިތުގެ ދުސްތޫރު މަނާކުރާއިރު އައިއެސްއާއި އަލްގާއިދާ ފަދަ ޖަމާއަތްތަކަކީ ކުވައިތުގެ ގައުމީ ސަލާމަތަށް ކުރައްކާ ކުރާ ޖަމާއަތްތަކެއް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކުރުމުގެ ގާނޫނީ ބާރު ކުވައިތުގެ އަމީރަށް ލިބިގެންވެއެވެ. އެހެންކަމުން، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަލްގާއިދާއާއި އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ބައިވެރިވުމަކީ އެގައުމުގެ ދުސްތޫރުގެ އިމުގެ ތެރޭގައި ކުވައިތަށް ކުރެވިދާނެކަމެއްކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.