ހުޅުމާލޭ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޚާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެކަމަނާއާއެކު މިރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއާއި ދައުލަތުގެ އިސްވެރިންނާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އިންޑިއާގެ ކަޑަބަމް ގްރޫޕާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކުރި ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ނަފްސާނީ ބަލިމަޑުކަމަށް ޙައްލެއް ގެނައުމަށް ޤާއިމުކުރި މިފަދަ ދެވަނަ ސެންޓަރެވެ.
މިސެންޓަރު ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ނަފްސާނީ ބައްޔަށް، ވަށައިޖެހޭ ފަރުވާއެއް ފޯރުކޮށްދެވޭނީ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންވެސް އެއީ ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިވާ އަޅާލާ މީހަކަށް ވެގެންކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލަކީ ހުރިހާ ޑިޕާޓްމަންޓެއް ގުޅިގެން ބަލި މީހުންނަށް ފަރުވާދިނުމުގައި މިސާލުޖެހޭ ފަދަ ތަނަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ވިދާޅުވެފައެވެ.
"ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުވެގެންދާއިރު އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެންމެ މުހިއްމު އެއްކަމަކީ، ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓްތަކާއި މުވައްޒަފުންވެސް ނަފްސާނީ ސިއްޙަތުގެ މުހިއްމުކަން ދެނެގަނެ، އެކަމަށްޓަކައި މަސައްކަތްކުރެއްވުން. އަދި އެއީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއްކަމަށް ދެކެވަޑައިނުގަތުން." ފަޒްނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ކަޑަބަމްސް ގްރޫޕްގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ކަޑަބަމްސް ގްރޫޕާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވާފައިވާ މެންޓަލް ހެލްތު ސެންޓަރުން އޮންލައިންކޮށް އިންޑިއާގައި ތިއްބަވާ ކަޑަބަމްސްގެ ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި މެންޓަލް ހެލްތު ސެންޓަރު ގުޅިގެން ދެވޭ ފަރުވާގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ އިސްކަމެއް ދީގެން ޑޮކްޓަރަށް ދައްކާ ފަރުވާ ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. އަދި ހޮސްޕިޓަލްގެ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ އެހީތެރިކަން ނަފްސާނީ ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް ލިބޭނެ މަގުވަނީ ފަހިކޮށްފައެވެ. ފަރުވާގެތެރޭގައި ސްޓްރެސް މެނޭޖްކުރަނެގޮތް ދަސްކޮށްދިނުމާއި އޮންލައިން ތެރަޕީ ފަދަ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޙަރަކާތްތައް ހިންގުމަށްވެސް ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުންވަނީ ނިންމާފައެވެ.
ނަފްސާނީ ބަލިމަޑުކަމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ އެއްބައްޔެވެ. ބަލީގެ ޙާލަތު ގޯސްވެފައިވާ މިންވަރަށް ފަރުވާގެ ނިޒާމު އަދި ހަރުދަނާވެފައިނުވިނަމަވެސް ސަރުކާރުން އަންނަނީ ބައްޔާއި ދެކޮޅަށް ދެވޭ ފަރުވާ އިތުރުކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މިވަގުތުވެސް ނަފްސާނީ ބައްޔަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށްފައިވާއިރު އަތޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.