އެޖިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް ރެފިއުޖީން ކުރާ ދަތުރުތައް ހުއްޓުވުމަށްޓަކައި ނޭޓޯގެ އެހީތެރިކަމަށް އެދުމަށް ގްރީސް އާއި ތުރުކީވިލާތް އެއްބަސްވެއްޖެއެވެ. ވިލާތަށް ޙިޖްރަކުރާ ރެފިއުޖީން އެންމެ ގިނައިން ބަލައިގަންނަ ޤައުމު ކަމަށްވާ ޖަރުމަނުވިލާތުގެ މަސްއޫލުވެރިއަކު ވިދާޅުވީ ވިލާތުގެ ބައްރަށް ރެފިއުޖީން ވަންނަ މިންވަރު ބެލުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ރަސްމީގޮތުން ނޭޓޯއަށް ހުށަހެޅުމަށް ގްރީސް އާއި ތުރުކީވިލާތް މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ކަނޑު ހުރަސްކޮށް ވިލާތަށް ވަންނަމުންދާ ރެފިއުޖީން ކޮންޓްރޯލް ކުރުމަށްޓަކައި ޖަރުމަނުވިލާތާއި ތުރުކީވިލާތުން މަސައްކަތް ކުރަމުން ގެންދާއިރު ރެފިއުޖީން ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމެއްގައި ތުރުކީވިލާތާއި، ވިލާތުގެ އިއްތިޙާދުންވެސްވަނީ ސޮއިކޮށްފައެވެ. މިއާއެކުވެސް ވިލާތުގެ ޤައުމުތަކަށް ރެފިއުޖީން ވަންނަމުންދާ މިންވަރު ކޮންޓްރޯލް ނުކުރެވޭކަމަށް ޚަބަރުތައް ބުނެއެވެ.