ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފިއެވެ.
އެމަނިކުފާނަށް އޮމާނަށް ވަޑައިގަތުމުން، އެޤައުމުގެ ވެރިރަށް މުސްކަޓުން މަރުޙަބާ ވިދާޅުވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދު ބަދުރު އަލްބުސައިދީއާއި ބައްދަލުކުރައްވާ، ދެޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ގުޅުން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮމާންގެ ސުލްޠާން ހައިޠަމް ބިން ޠާރިޤް ސިޓީފުޅެއް އަރުވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު އޮމާންގެ މިނިސްޓަރ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުޙައްމަދު އަލްމަޙްރޫގީއާއި ބައްދަލުކުރައްވާ އޮމާންގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާތައް ކުރައްވާ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ އިތުރު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފައިވާއިރު، ސަރުކާރުން ގެންދަވަނީ މެދު އިރުމަތީގެ ޤައުމުތަކާއިއެކު ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޙްރެއިނަށްވެސް ވަޑައިގެންފައެވެ.