މިދިޔަ ޖޫން މަހު 24 ގައި ރިލީޒްކުރި ފިލްމު "ޖުގް ޖުގް ޖިޔޯ" އިން އެންމެ ފަހުން ފެނުނު ބޮލީވުޑް ތަރި ވަރުން ދަވަން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބޭދިޔާ" ރިލީޒްކުރަށެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ވަރުންއަށް ވަނީ ބެލުންތެރިންގެ ތަރުހީބުވެސް ލިބިފައެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރިލީޒްކުރި އޭނާގެ ފިލްމު "ކޫލީ ނަންބަރު 1" އަށް މާ ބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ.
"ބޭދިޔާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ވަރުން ވަނީ ކޯވިޑުބަލިމަޑުކަމަށްފަހު މީހުން މަސައްކަތަށް އެނބުރި އައުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަދި ބައެއް މީހުން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށްވެސް ވަރުން ބުންޏެވެ. މި ވާހަކަތައް ދައްކަމުން އޭނާ ވެސްޓިބިއުލާ ހައިޕޮފަންކްޝަނަށް ޑައިގްނޯޒްވވެފައިވާ ކަމަށް ވަރުން ވަނީ ބުނެފައެވެ. މިއީ ކަންފަތުގެ އެތެރެ ބަޔަށް ދިމާވާ މައްސަލައަކާ ގުޅިގެން މީހާގެ ބެލެންސް ގެއްލެން ދިމާވާ ކަމެކެވެ.
މިކަމާ ބެހޭ ގޮތުން ވަރޫން އެއަށް ޑައިގްނޯޒްވުމުން ވަރަށް ކަންބޮޑުވި ކަމަށާއި އެކަމަކު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެހެންވެ މާ ސީރިއަސް މައްސަލަތަކެއް ނެތް ނެތް ކަމަށް ބުންޏެވެ. އެކަމަކު ވެސްޓިބިއުލާ ހައިޕޮފަންކްޝަނަށް ޑައިގްނޯޒްވުމުން މަސައްކަތްތައް ކުޑަކޮށް މަޑުޖައްސާލަން ޖެހުނު ކަމަށާއި އޭގެ ފަހުން މިހާރު ކުރިއަށް ވުރެ ބުރަކޮށް މަސައްކަތްކުރާ ކަމަށް ވަރުން ބުންޏެވެ.
ވަރުން އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ގައެވެ. ވަރުން އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
ވަރުންގެ ކުރިއަށްއޮތް ފިލްމަކީ އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބަވާލް" އެވެ. ވަރުން އާއިއެކު މި ފިލްމުން ދެން ފެންނާނީ ޖާންވީ ކަޕޫރެވެ.