ރަސްފަންނުގައި ޕޮލިސް ޕޯސްޓެއް ޤާއިމްކޮށް ފުލުހުން އެސަރަޙައްދު ބަލަހައްޓަން ފަށައިފިއެވެ.މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވީ ރަސްފަންނު ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ފުލުހުންގެ ޕޯސްޓެއް ބަހައްޓައި އެސަރަޙައްދުގައި ދާޢިމީ ގޮތެއްގައި ފުލުހުން ތިބޭނެކަަމަށެވެ.ރަސްފަންނު ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރި ވަމުންދާއިރު އެސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެކިއެކި ގޮތްގޮތުން ހިތްހަމަ ޖައްސައި އުފާވެރި ވަގުތުތައް ހޯދަން ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ދީފައިވާ އިރުޝާދާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ބާރު އެޅުމަށް ނަސޭޙަތްތެރިވަމުންދާނޭކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގައި އުޅޭ އެއްވެސް މީހަކަށް އަދި ކުއްޖަކަށްވެސް ނުރައްކަލެއް ކުރިމަތިވަމުންދޭތޯ ބަލަހައްޓަމުން ގެންދާނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މާލޭގައި މީހުން ގިނައިން ޒިޔާރަތްކުރާ ސަރަޙައްދުތައް ގާތުން ބަލަހައްޓައި އެސަރަޙައްދުތަކަށް ޒިޔާރަތްކުރާ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީގައި މަސައްކަތްކުރާ ފުލުހުން ދަނީ އަބަދުވެސް ޙަރަކާތްތެރި ވަމުންކަން ފުލުހުން ފާހަގަކުރައްވައެވެ.