ހުޅަނގާއި ރަޝިޔާއާ ދެމެދު ފިނި
ހަނގުރާމައެއް ހިނގާ ކަމުގެ ޢަލާމާތެއް ފެންނަން ނެތްކަމަށް ވިލާތުގެ އިއްތިޙާދުން
ބުނެފިއެވެ. އެއިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ފެދެރީކާ މޮގެރީނީ
ވިދާޅުވީ ހުޅަނގާއި ރަޝިޔާއާ ދެމެދު ފިނި ހަނގުރާމަ ހިނގަމުންދާތަން
ނުފެންނަކަމަށާ އެކަމުގެ އިޙްސާސްވެސް ނުކުރެވޭކަމަށެވެ. މޮގެރީނީ މިހެން ވިދާޅުވީ
ރަޝިޔާއާމެދު ހުޅަނގުން މުޢާމަލާތް ކުރަނީ ޢުދުވާނީ ގޮތަކަށް ކަމަށާ އެކަމުގެ ނަތީޖާއެއްގެ
ގޮތުން ހުޅަނގާއި ރަޝިޔާ، ފިނިހަނގުރާމައެއްގެ ތެރެއަށް ވެއްޓެމުންދާކަމަށް
ވިދާޅުވެ ރަޝިޔާގެ ބޮޑުވަޒީރު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މޮގެރީނީ ވިދާޅުވީ
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބޮޑެތި ބާރުތަކުން
މިޔުނިކްގައި އެއްބަސްވި އެއްބަސްވުމަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް
ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ސޫރިޔާ ސިފައިން ޙަލަބްގެ ކައިރީގައި
ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލައި ކުރިޔަށް ގެންދިޔުމަކީ ބޮޑު
ގޮންޖެހުމެއްކަމަށް މޮގެރީނީ ސިފަކުރެއްވިއެވެ.