ޚަބަރު

އަސްކަރިއްޔާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރޭވިފައި


ރާއްޖޭގެ އަސްކަރިއްޔާ ހަރުދަނާ ކުރުމަށް ކުރިޔަށް އޮތް ދެތިން އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ދަތުރެއްގައި ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމަދިތްޔާގައި ރޭ އޮތް ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އައި.އެން.އެސް ވިކްރަމްއަދިތިޔާގައި ރޭވަނީ ރާއްޖޭގެ އިސް އޮފިޝަލުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ހާއްސަކޮށް ހަފްލާއެއް ބާއްވާފައެވެ. މިހަފްލާ ޝަރައްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ދިފާއީ ވަޒީރު އާދަމް ޝަރީފް ވަނީ ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ އަސްކަރީ ގާބިލިޔަތު މިހާރަށްވުރެން ހަރުދަނާ ކުރުމަށް ބޮޑެތި ޕްލޭންތަކެއް ރޭވިފައިވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ އެއާރ ވިންގް ވަރަށް އަވަސް މުސްތަޤްބަލެއްގައި ޤާއިމްވެގެން ދާނޭކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔަ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ރަހްމެހްތެރި އިންޑިއާއާއި އަވަށްޓެރި ޤައުމުތަކުން އެހީތެރިވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ އާދަމް ވިދާޅުވިއެވެ. " ރާއްޖޭގެ ކޯސްޓްގާޑުގެ ޕްލީޓް ފުޅާކުރުމަށް މިހާރު ދަނީ ސްޓެރަޓެޖިކް ޕްލޭނެއް އެކުލަވާކަމުން، އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި އައު އިންޓަރސެޕްޓް ކްރާފްޓްތަކެއް އަޅުގަޑުމެންގެ އަސްކަރިއްޔާއަށް ގެނައުމަށްވަނީ ހަމަޖެހިފައި. މީގެ އިތުރުން ރާއްޖޭގައި ވައިގެ އަސްކަރިއްޔާއެއް އެކުލަވާލާ، އިތުރު އެއަރ ކްރާޕްޓްއާއި ހެލިކޮޕްޓަރުތަކެއް 2017 ވަނަ އަހަރުގެ ކުރިން ގެންނާނަން. އަދި ރާޢްޖޭގައި ވަރަށް އަވަހަށް ފްލައިންގް ސްކޫލްއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައި." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައި.އެން.އެސް ވިކްރަމްއަދިތިޔާގެ ކޮމާންޑިންގް އޮފިސަރ ކްރިޝްނާ ސްވަމިނަތަން ވިދާޅުވީ ރާއްޖެ އަކީ އިންޑީއާ ކަނޑުގެ މިސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަމަށެވެ. މިސަރަހައްދުގެ މަސްލަހަތު ދެމެހެއްޓުމައްޓުމަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތުން ރާއްޖެއިން މިކަމުގައި އަދާކުރާ ރޯލްވެސް ވަރަށް ބޮޑުކަމަށް ކްރިޝްނާ ވިދާޅުވިއެވެ. " އިންޑީއާއާއި ރާއްޖޭގެ ގުޅުން މިވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެފައި. ހާއްސަކޮށް ދިފާއީ ދާއިރާއާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން މިވަނީ ވަރަށް ހަރުދަނާވެފައި. މިރޮތުން ދެޤައުމުގެ މެދުގައި ކުރިޔަށް ގެންދާ ހަރަކާތްކަގެ ސަބަބުން ދެޤައުމަށްވެސް އެތައް ފައިދާއެއްވޭ." އައި.އެން.އެސް ވިކްރަމްއަދިތިޔާގެ ކޮމާންޑިންގް އޮފިސަރ ކްރިޝްނާ ސްވަމިނަތަން ވިދާޅުވިއެވެއިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމަދިތްޔާއާ ރާއްޖެއަށް މިކުރާ ދަތުރަކީ ދެޤައުމުގެ އަސްކަރީ އަދި ދޭދޭ ގުޅުން އިތުރަށް ފުޅާ ކުރުމުގެ ދަތުރެއްކަމަށް ދެޤައުމުގެ އޮފިޝަލުންވެސް ބުނެއެވެ. ހަތަރު ދުވަހު މިދަތުރުގައި އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމަދިތްޔާގެ އިތުރުން އިންޑިއާގެ އަސްކަރިއްޔާގެ އިތުރު ދެމަނަވަރުކަމަށްވާ އައި.އެން.އެސް މައިސޫރު އަދި އައި.އެން.އެސް ދީފަކް ރާއްޖެ އައިސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އައި.އެން.އެސް ވިކްރަމްއަދިތްޔާ ރާއްޖެއަށް ކުރަމުން މިދާ ދަތުރުގެ ތެރެއިން އެމް.އެން.ޑީ.އެފްގެ އޮފިސަރުންނާއި އެކު ކުރިޔަށް މިއޮތް ދެދުވަހުގެ ތެރޭގައި އެކިއެކި އަސްކަރީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މީގެއިތުރުން މިމަހުގެ 18ގައި މިމަނަވަރުތައް ރާއްޖެއިން ނައްޓާލާއިރު ދެޤައުމުގެ އޮފިސަރުންގެ މެދުގައި ކަނޑުމަތީގެ ހަޢްސަ ތަމްރީންތަކެއް ކުރިޔަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މި ތިން މަނަވަރު ރާއްޖެއަށް ކުރާ ދަތުރަކީ، މި މަހުގެ ހަތަކުން ނުވައަކަށް އިންޑިއާއިން ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު ކުރާ ދަތުރެކެވެ.