ޚަބަރު

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދޭ ހާއްސަ މަރުކަޒެއް ހުޅުވައިފި


މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ހާފްވޭ ސެންޓަރު" ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި ސޯޝަލް ކައުންސިލްގެ ވައިސް ޗެއަރޕަރސަން، ޑރ.މުސްޠަފާ ލުޠުފީއެވެ.

ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްކުރެވޭ މަސައްކަތުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްސަ މަރުކަޒެއް ހުޅުވާފައި ވަނީ ހުޅުމާލޭގައެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މީގެކުރިންވެސް މިފަދަ ސެންޓަރެއް ވަނީ ހިންގާފައެވެ. އެހެންނަމަވެސް އެންމެ އެކަށީގެންވާގޮތުގައި ހިނގަމުން ނުދިޔުމުގެ ސަބަބުން އެތަން ބަންދުކޮށް މަރުކަޒު އަލުން ހުޅުވާފައިވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު ޢިމާރާތް އަލުން މަރާމާތުކޮށް އައު ޕްރޮގްރާމްތަކަކާއެކުއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވި ރެހެބިލިޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ޞާލިޙު ވިދާޅުވީ މީގެކުރިން އެންޑީއޭއަކީ ހަމައެކަނި ޑްރަގްގެ ފަރުވާ ދޭ ތަނެއްގެ ގޮތުގައި ޤަބޫލުކުރެވިފައި އޮތްތަނަމަވެސް އެންޑީއޭގެ މަސްއޫލިއްޔަތު އެއަށްވުރެ ފުޅާކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާއިރު ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޑްރަގް އޭޖެންސީގެ ބޯޑުން ކުރި މަސައްކަތުން މިހާރު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އޮތްމިންވަރު ދެނެގަނެވިފައި. އެހެންކަމުން މިކަމާއި ދެކޮޅަށް މަސައްކަތްކުރާނެ މަގުޗާޓެއް މިހާރުވަނީ އެކުލަވާލެވިފައި. މިއީ ހަމައެކަނި އެންޑީއޭއަށް ކުރެވޭނެކަމެއް ނޫން. ރާއްޖޭގައި ނެތް މިހާ ގިނަ މުވައްސަސާތައް ގުޅިގެން ޙައްލުކުރަންޖެހޭ ވަކި ބޮޑު އެހެން މައްސަލައެވެ." އިމާދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިން ޤައުމު ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި އެކުންފުނިން އަބަދުވެސް އެންމެ ކުރީސަފުގައި ތިބޭނެކަމަށެވެ. އަދި ހެލްތު މިނިސްޓްރީއިން މިކަމުގައި އެދޭ ކޮންމެ އެހީތެރިކަމެއް ދިނުމަށް އެމްޓީސީސީއިން ތައްޔާރަށް އޮތްކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސްވާނީ ހެލްތު މިނިސްޓްރީ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރެވިފައި. އެއީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ ކުދިންނަށް އެމްޓީސީސީއިން ވަޒީފާ ހަމަޖެއްސުމަށްޓަކައި." އާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއަމަން އަދި ހެލްތު މިިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވީ ހާފްވޭ ސެންޓަރުގައި ހިންގާނެ ޕްރޮގްރާމްތައް ކަނޑައަޅައި ތަނަށް ބޭނުންވާ މުވައްޒަފުން ހޯދައި ތަމްރީންކޮށް ނިމިފައިވާކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން އެންޑީއޭ ރިވިއުކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. އެކި ފަރާތްތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންޑީއޭގެ މަސައްކަތް ފުޅާކުރެވިއްޖެ. މީގެފަހުން ދެން ފެނިގެންދާނީ އެންޑީއޭ އަދި މާބޮޑަށް ޙަރަކާތްތެރިކޮށް." ޝަމާއު ވިދާޅުވިއެވެ.

ހުޅުމާލޭގައި ޤާއިމުކުރި ހާފްވޭ ސެންޓަރުގެ ފަރުވާ ދޭނީ ގިނަ މުވައްސަސާތަކެއް ގުޅިގެންނެވެ. އެތަނުގައި އެއްފަހަރާ 20 މީހަކު ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭނުންވާ ޑޮކްޓަރުންނާއި ކައުންސިލަރުންނާއި އިދާރީ އެހެނިހެން މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ވަގުތު ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް އަވަސް ފަރުވާ ހަމަޖެހޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށްވެސް އެކަމުން ސަލާމަތްވުމަށްފަހުވެސް "އާފްޓަރ ކެއަރ"ގެ ޚިދުމަތްވެސް ހާފްވޭ ސެންޓަރުން ލިބިގެންދާނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

މިސެންޓަރުން މިހަފްތާގައި ޚިދުމަތް ފެށޭނެކަމަށް އެންޑީއޭއިން މައުލޫމާތުދެއްވައެވެ.