ދެކުނު ޗައިނާ ކަނޑާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ އަރާރުންތައް ޙައްލުކުރަންޖެހޭނީ، ގާނޫނީ ވަސީލަތްތައް ބޭނުން ކޮށްގެން ސުލްޙަވެރި ގޮތުގައި ކަމަށް ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާއި އެމެރިކާ އެއްބަސްވެއްޖެއެވެ. އެމެރިކާގެ ކެލިފޯނިޔާގައި ކުރިޔަށްދިޔަ އެމެރިކާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ވެރިންގެ ސަމިޓް ނިންމާލުމަށްފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ދެކުނު ޗައިނާ ކަނޑުގައިވާ ސަރަހައްދީ ރޮނގުގެ އަރާރުންތައް މައްޗަށްދާ ފަދަ އެއްވެސް އަމަލެއް އެއްވެސް ގައުމަކުން ހިންގައިގެން ނުވާނެކަމަށެވެ. މިގޮތުން ދެކުނު ޗައިނާ ކަނޑާއި އެކަނޑުގެ ފަޅު ފަދަ ތަންތަން އެއްވެސް ގައުމަކުން ނުހިއްކުމަށާ އަދި އެތަންތަނުގައި އަސްކަރީ ހަރަކާތްތައްވެސް ނުހިންގުމަށް އެދިވަޑައިގަންނަވާ ކަމަށް އޮބާމާ ވިދާޅުވިއެވެ. އޮބާމާ މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ދެކުނު ޗައިނާ ކަނޑާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ އަރާރުންތައް ހައްލުކުރާނެ ގޮތަކާމެދު ކެލިފޯނިޔާގެ ސަމިޓްގައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.