އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ފާއިތުވި 4 އަހަރުގެ ތެރޭގައި 220 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފިއެވެ.
އެކަނިވެރި މައިންނާއި ބަފައިންގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމަށް ނިންމާ އެފަރާތްތަކަށް ޢިނާޔަތެއް ދިނުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ވަޢުދެކެވެ. 2008 ވަނަ އަހަރު އެންމެ ފުރަތަމަ މިވަޢުދުގެ ދަށުން އެކަނި ދަރިން ބަލަހައްޓަމުންދާ ބެލެނިވެރިންނަށް ވަނީ މާލީ އެހީތެރިކަން ދައުލަތުގެ ފަރާތުން ދޭން ފަށާފައެވެ.
އޭގެ ފަހުން އައި ކޮންމެ ސަރުކާރަކަށްވެސް މި އެހީ ދިނުން މަޖުބޫރުވީ އެމްޑީޕީއިން 2008 ވަނަ އަހަރުން ފެށިގެން މި ޢިނާޔަތް ދޭން ފެށުމާއި ގުޅިގެންނެވެ. މިވީ މުއްދަތުގެ ތެރޭގައި 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން އުޞޫލަށް ގެނައި ބަދަލަކުން މިއެހީ ލިބެމުންދިޔަ އެތައް ބަޔަކު މި ޢިނާޔަތް ލިބުމުން މަޙުރޫމްވެގެންދިޔަކަން އަދުގެ ސަރުކާރުން ފާހަގަކުރެއެވެ. އެޙާލަތު އަނެއްކާވެސް ބަދަލުވީ 2018 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމަށް އައުމާއި ގުޅިގެންނެވެ.
2019 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމާފައެވެ. މިއާއެކު ކޮންމެ ކުއްޖަކަށް ދޭ ޢިނާޔަތް ވަނީ ބޮޑުވެފައެވެ. މީގެކުރިން މިޢަދަދު ކަނޑައަޅާފައިވަނީ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބުކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ރަޖިސްޓްރީވަމުންދާ މީހުންގެ ޢަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
މިގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި 3133 މީހަކު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގައި ރަޖިސްޓަރކޮށްފައެވެ. އަދި އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓަމުންދާ ކުދިންގެ ގޮތުގައި 5413 ކުއްޖަކު ވަނީ ރަޖިސްޓަރކޮށްފައެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަނިވެސް އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީގެގޮތުގައި 53،651،000 (ފަންސާސް ތިން މިލިއަން ހަ ލައްކަ ފަންސާސް އެއް ހާސް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
● 2019 - 2501 މީހަކަށް 48،877،000 ރުފިޔާ
● 2020 - 2905 މީހަކަށް 55،477،000 ރުފިޔާ
● 2021 - 3067 މީހަކަށް 62633000 ރުފިޔާ
● 2022 - 5413 މީހަކަށް 53،651،000 ރުފިޔާ
● 4 އަހަރުގެ ތެރޭގައި ޚަރަދުކުރެވުނު ޖުމްލަ: 220،638،000 ރުފިޔާ
ރާއްޖޭގައި ވަރި ގިނަވުމުގެ ސަބަބުން އެކަނި ދަރިންގެ ކަންކަން ބަލަމުންދާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިފަދަ މީހުންގެ ތެރެއިން ދަރިންގެ ޚަރަދު ބެލެހެއްޓުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުން ފޯރުކޮށްދެއެވެ.
މިކަމުގެ މައިގަނޑު ބޭނުމަކީ އެކަނިވެރި ޙާލުގައި ދަރިންގެ ކަންކަން ބަލަހައްޓަމުންދާ ފަރާތްތަކުން އުފުލަމުންދާ ޒިންމާތައް ރަނގަޅުގޮތުގައި އަދާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ނިކަމެތިކަމުން އަރައިގަނެވި ކުދިންގެ ތަޢުލީމަށާއި، ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމަށާއި ދެންވެސް ކުރަން ހުންނަ ޒަރޫރީ ޚަރަދުތައް ހަމަޖައްސައިދިނުމަށް ވެދެވޭ އެހީއެކެވެ.