ކޯވިޑުގެ ޙާލަތުގައި ދަރިވަރުންގެ ކިޔެވުމަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރި އަސަރު ދެނެގަނެ، ދަރިވަރުންގެ އުނގެނުން ރިކަވަރ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. 
މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއި، ވަކިން ޚާއްސަކޮށް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި ހުނަރު އިތުރުކުރުމާގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރުނު ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއި ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. 
އެގޮތުން ކޯވިޑް ރޯގާގެ ނުރައްކާތެރިކަމާއި ދަރިވަރުން ކުރިމަތިލި ކުރިމަތިލުން ދިގުދެމިގެން ދިޔުމާ ވިދިގެން އެތައް ގޮތަކުން ދަރިވަރުންގެ ތަޢުލީމީ ހަޔާތަށް ހުރަސް އެޅިގެންދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ދިގު މުއްދަތުގައި ދަރިވަރުންގެ ތަޢުލީމީ ދުވެލި މަޑުވެ ދަރިވަރުންގެ އުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރަމުންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި ހުރިހާ ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަވަސް ފިޔަވަޅުތަކެއް އެޅުއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
"ޓެލިކިލާސް މެދުވެރިކޮށް ހަމަޖެހިފައިވާ ވަކި ތާވަލަކަށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެމުން ގެންދިޔުމާއި މުދައްރިސުންނަށާއި ކަމާގުޅުންހުރި އެންމެހާފަރާތްތައް އޮންލައިން މަންސަތަކަށް އަހުލުވެރިކޮށް ފަރިތަކުރުވުން ހިމެނޭ. މީގެތެރޭގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އައި.އީ.ޕީގެ ފިލާވަޅުތައް ފޯރުކޮށްދެމުން ގެންދިޔުމާއި ވަކިވަކި ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކޮށް ބެލެނިވެރިންގެ އެހީތެރިކަމާއެކު މިފަދަކުދިންނަށް ކުރިއަށްގެންދެވިދާނެ ޙަރަކާތްތައް ސްކޫލުތަކުން ރާވާ ފޯރުކޮށްދެމުން ގެންދިޔަ" މިނިސްޓަރ ވިދާޅުވިއެވެ. 
		
										
										
			މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ކޯވިޑް-19ގެ ހިތްދަތިކަމުގެ ވަގުތުގައި، މުދައްރިސުންނާއި ބެލެނިވެރިންގެ ހިތްވަރާއި މަދަދުވެރިކަމާއެކު އޮންލައިންކޮށާއި، ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް މަސައްކަތްކުރެވުނު ނަމަވެސް، ކޯވިޑް ވަބާގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އަސަރުތަކެއްކޮށްފައިވާކަމަށެވެ. ކޯވިޑް-19 އިން ދަސްވި ކަންތައްތަކުގެ އަލީގައި، ދަރިވަރުންގެ ކިޔެވުމުގެ ޙާލަތު ރަނގަޅުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 
"ކޯވިޑުގެ ޙާލަތުގައި ދަރިވަރުންގެ ކިޔެވުމަށް ސީދާގޮތުންނާއި ނުސީދާހޮތުން ކުރި އަސަރު ދެނެގަނެ، މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ދަރިވަރުންގެ އުނގެނުން ރިކަވަރ ކުރުމަށްޓަކައި މަސައްކަތްތަކެއް ފައްޓާފައި. އޭގެތެރޭގައި ލާރނިންގ ރިކަވަރީ ސްޓްރެޓެޖީއެއް ތައްޔާރުކޮށް ސްކޫލުތަކަށް ބޭނުންވާ ތަމްރީނުތައް މިދަނީ ފޯރުކޮށްދެމުން. އަދި ރިމީޑިއޭޝަން ސްޓްރެޓެޖީގެ ދަށުން ދަރިވަރުންގެ ލާރނިންގ ރިކަވަރީއަށް މިދަނީ މަސައްކަތްތަކެއް ކުރަމުން. އަދި މިކަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގިނަ މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން" މިނިސްޓަރ ވިދާޅުވިއެވެ. 
ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހީތެރިވެދޭ ކުންފުނިތަކާއި ޔުނިސެފާއި ހެޔޮ އެދޭ ފަރާތްތައް ގުޅިގެން މިއަދު މި ފަށާ މަސައްކަތްތަކުގެ ސަބަބުން ދަރިވަރުންނަށް ހޯދައިދެވޭ ތަފާތު ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ. 
ޗަމްޕާ ސެންޓްރަލްގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސްއާއި ކެއަރ ސޮސައިޓީ ގުޅިގެން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މިއީ ކަމާގުޅުންހުރި ފަރާތްތައް އެއް މޭޒެއްގެ ދޮށަށް ގެނެވި، މިހާރުގެ ޙާލަތު ރަނގަޅުކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްކެވެ.