ޚަބަރު

ވަޅުލެވުނު ދެމީހުންގެ ހާލުވެސް ރަނގަޅު


އައްޑޫ ސިޓީ ހިތަދޫގައި ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅެއްގައި ތާށިވި ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލައި، އައިސީޔޫގައި ފަރުވާދިން މީހާ ވޯޑަށް ބަދަލުކޮށްފިއެވެ. އެ ދެމީހުންނަކީ ފެނަކަ ހިތަދޫ ބްރާންޗްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ މުހައްމަދު އަލްޠާފް ވިދާޅުވީ އެ ދެމީހުން ތާށިވީ ނަރުދަމާ ހޮޅިއެއް އެޅުމަށް ކޮންނަމުންދިޔަ ވަޅެއްތެރޭގައިކަމަށެވެ. އަލްޠާފް ވިދާޅުވީ އެމީހުން ތާށިވީ ވަޅަށް އެރިގެން ކޮންނަން ތިއްބާ ވަޅުގެ ދެ އަރިމަތިން ފަސްގަނޑު ދޫވުމުގެ ސަބަބުން އެމީހުންގެ ވަޅަށް ފަސްއެޅިގެންކަމަށެވެ. އިއްޔެ ހަވީރު 16:30 ހާއިރު ހިނގި މިހާދިސާގައި، އަނިޔާ ލިބުނީ 55 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކަށެވެ.


މިދެމީހުންވެސް ހާދިސާ ހިނގިތާ 10 މިނެޓްތެރޭގައި ސަލާމަތްކޮށް ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ ވިދާޅުވިއެވެ. މިހާދިސާގައި އަނިޔާ ލިބުނު 35 އަހަރުގެ ޒުވާނާއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ. އެއީ އޭނާއަކީ ސިއްޙީ މައްސަލަ ހުންނަ މީހަކަށްވުމުން ހާލުގޯސްވެދާނެކަމަށް ބަލާފައިކަމަށް އަލްޠާފް ވިދާޅުވިއެވެ. އޭނާގެ ހާލު ކުރިއަށްވުރެ ރަނގަޅުވެ، އޭނާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފެނަކަ މެނޭޖަރ ވިދާޅުވިއެވެ. މީގެ އިތުރުން 55 އަހަރުގެ މީހާ ފަރުވާއަށް ފަހު މިއަދު މެންދުރު ވަގުތެއްގައި ދޫކޮށްލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެދެމީހުން ތާށިވީ އައްޑޫސިޓީ ހިތަދޫގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގެއްގައި ނަރުދަމާ ހޮޅި ވަޅުލުމަށް ކޮންނަމުން ދިޔަ 5 ފޫޓް އުސްމިނުގައި ހުންނަ ވަރުގެ ވަޅެއްގައެވެ. އެކަކު މެޔާ ހަމަޔަށް ވެލި ބާރުވެފައިވާއިރު އަނެއްމީހާގެ މެދާއަހައަށް ވަޅުލެވިފައިވާކަމަށް ފެނަކަ ހިތަދޫ ބްރާންޗް އިން ވިދާޅުވެއެވެ. މިހާދިސާ ހިނގާފައިވަނީ ޝަރަފުއްދީން ސްކޫލް ކައިރި މަގެއްގައެވެ.