ޚަބަރު

ރައްޔިތުންގެ އަޑު: ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަން


  • ސްކީމްތަކަށް ކުރިމަތިލީނަމަވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާކަމަށް ބައެއް މީހުން ބުނި

  • ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުން

"ރައްޔިތުންގެ އަޑު"އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. "ރައްޔިތުންގެ އަޑު"ގެ ތިންވަނަ އެޕިސޯޑުގައި ބާއްވާފައިވާއިރު، ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅޭގޮތުންނެވެ. ބޯހިޔާވަހިކަމުގެ އިތުރުން އެހެން ބައެއް ދާއިރާތަކުންވެސް ކުރިމަތިވާ ދަތިތައް އެފަރާތްތަކުން ވަނީ ރައީސާއި ހިއްސާކޮށްފައެވެ.

ރައީސާއި ބައްދަލުކުރެއްވި ބައެއް މީހުން ވަނީ އެމީހުންނަށް އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަމަށާއި، މިހާރުވެސް ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރީ ސަރުކާރުތަން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކަށް ކުރިމަތިލީނަމަވެސް އެކި ސަބަބުތަކާހުރެ ލިސްޓުން އުނިކޮށް ބޯހިޔާވަހިކަމުގެ އެއްވެސް ފުރުސަތެއް ލިބިފައިނުވާކަންވެސް ގިނަ މީހުން ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑަށް ލިބިފައި އޮތީ ގިރާވަރު ފަޅުން. ވަންނާނެ ގެދޮރެއް ލިބުން. އެއީ އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ. ދެން އިނީ އަޅުގަނޑުގެ ހަޒްބަންޑްގެ ކަމެއް. އަޅުގަނޑުގެ ހަޒްބަންޑް އައްޑޫ އަތޮޅު ހިތަދޫއިންވެސް ލީ އެކަމު އިނީ ފޯމު އުވާލާފައި. އިނީ ލިސްޓުން ކަޓުވާލާފައި. ދެން އެކަމާ ވާހަކަދެއްކީމަ އަޅުގަނޑުމެންނަށް އޮތް ސިޓީ ކައުންސިލުން ލެޓާ އެއްވެސް ދީފައި އެއްވެސް މައްސަލައެއް ނެތިއްޔާ ދެވަނަ ބުރަށް ހުޅުވާލާއިރު ދޭނަމޭ. އެކަމު އޭގެ ފަހުން އެއްވެސް ހަަބަރެއް ނުވޭ،" ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ބައިވެރިވި މީހަކު ބުންޏެވެ.

"މައުމޫނު ވެރިކަމުގައި ހުޅުމާލެ ހިއްކައިގެންވެސް އެތަނަށްވެސް އަޅުގަނޑު ހުށަހެޅިން. ދިވެހިރާއްޖޭގެ ކޮންމެ ވެރިކަމެއްގައި ކޮންމެ ފަހަރަކު ހުޅުވާލާއިރު އަޅުގަނޑު ލަން (ބޯހިިޔާވަހިކަމުގެ ސްކީމުތަކަށް). އެކަމަކު ދުވަހަކުވެސް ލައްވައެއް ނުލާ. އަޅުގަނޑުމެން މިހެން ތިއްބާ ދުނިޔެއަށް އައި މީހުންނަށް އެއް ފްލެޓް ލިބި އަނެއް ސްކީމެއްގެ ދަށުން އަނެއް ފްލެޓް ލިބޭއިރުގައި އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގައި. މާލޭގައި މިހާރު މިއުޅެނީ ރައްޓެއްސެއްގެ ގޭގަވެސް" ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރަމުން މީހަކު ބުންޏެވެ.ި

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކޮށްފައިވެއެވެ. އެގޮތުން ވަޒިފާގެ މާހައުލުގައި އެފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާއި، ވިޔަފާރީގެ މުއާމަަލާތްތައް ކުރުމުގައި ހުރި އުނދަގޫތައްވެސް ބައެއް މީހުން ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ރަށްތަކުގެ މަގުތަކާއި، ފެނާއި ނަރުދަމާގެ ކަންތައްތައް ހުރިގޮތުން އެމީހުންނަށްވާ އުނދަގޫތައްވެސް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ފުރުސަތުތަކެއް ހުރި ކަމަށާއި، އެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އަދި ހިންގޭނެ މަޝްރޫއުތައްވެސް މި އެޕިސޯޑުގައި ބައިވެރިވި ބައެއް މީހުން ރައީސްއަށް ވަނީ ކިޔައިދީފައެވެ.

"އަޅުގަނޑު ނިސްބަތްވަނީ ތ. ކަނޑުދޫއަށް. ދެން އެރަށަކީ މިހާރު ވަރަށް ބިން ތަނަވަސް ވަރަށް ފެހި ރަށެއް. އެރަށުގައި ޓޫރިޒަމް ކުރިއެރުވުމަކީ ވަރަށް ފުރުސަތުތައް ބޮޑުވާނެ ކަމެއް ކަމަށް އަޅުގަނޑަށް ބެލެވެނީ. އެހެންރަށްރަށް ޒިޔާރާތްކޮށްފަވީމަ މިރަށުގައިވެސް މިކަން ކުރެވޭނެ ކަމަށް ދެކެނީ. އަޅުގަނޑަށް ހީވަނީ އެއްވެސް ބަޔަކު ނުކުރާތީކަންނެ މިހާތަނަށް މިކަން ނުފެށި އޮތީ. އެހެންވަ އަޅުގަނޑުމެން އެބަ ބޭނުންވޭ ސަރުކާރުން ހަމަ މިކަންކަމަށް ލޯނު ދެއްވަން. އޭރުން އަޅުގަނޑުމެންނަށްވެސް މިހަލަ ކަންތައްތައް ކުރެވޭނީ." ޓޫރިޒަމް ކުރިއެރުވުމާއި ގުޅޭގޮތުން މީހަކު ބުންޏެވެ.

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ބައިވެރިވި މީހުންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމީހުން ހިއްސާކުރެއްވި ކަންކަން ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ.