ރަށްރަށުގައި ބޮޑުވާ ކުދިންގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައިވަނީ މޫދާއެވެ. ކުޑައިރުގެ މަޖާ ޕިކްނިކް ދަތުރުތަކާއެވެ. ޢާއިލާއާއި ރައްޓެހިންނާއެކު މޫދަށް އެރިލާ އުފާވެރި އެތައް ވަގުތެއް ހޭދަކުރުމުގައި އެތައް ޖީލެއް ބޮޑެތިވެއްޖެއެވެ. އެހެންނަމަވެސް ޙާލަތު ބަދަލުވެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި މޫދަށް އެރިލާނެ ސަރަޙައްދުތައް ނެތިގެން ދިޔުމުގެ ޝަކުވާއާއި ކަންބޮޑުވުންވަނީ އިތުރުވެފައެވެ. މިފަދަ އެއްރަށަކީ ކ.ގުރައިދޫއެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުން މިހާރު ތިބީ އުފަލުންނެވެ. އިންތިޒާރުކުރަމުންދަނީ އަލަށް ތަރައްޤީކުރި ޕިކްނިކް އައިލެންޑް ހުޅުވާ އެތަނަށް ދަތުރު ދެވޭނެ ދުވަހަކަށެވެ.
ކ.ގުރައިދޫ ފަޅުތެރޭގައި ރަށާއި މުޅިން ވަކިން ތަރައްޤީކުރި ޕިކްނިކް އައިލެންޑަކީ މިކޮންސެޕްޓްގެ ދަށުން ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރަށެވެ. 1.7 ހެކްޓަރުގެ ބިމެއް އެމްޓީސީސީއިން ގުރައިދޫ ފަޅުތެރޭގައި ހިއްކާފައިވާއިރު އެރަށު ކައުންސިލުން އަންނަނީ ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އަންނަ އަހަރުގެ މާޗު މަހު ޢާއްމުނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދަނީ ދަތުރުދާ އެފަދަ ރަށަކުން ޢާއްމުން ބޭނުންވާނެ ޚިދުމަތާއެކުކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމަތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ޙުސެއިން ޔާމީން މުޙައްމަދު ވިދާޅުވީ މާޗު މަހު ހުޅުވާލަނީ އެންމެ އަސާސީ ޚިދުމަތްތަކާއެކުގައިކަމަށެވެ. އެގޮތުން ފެނާއި ކަރަންޓާއި ގްރިލްއާއި ހަޓުތަކާއެކު މާޗްމަހު ހުޅުވާލުމަށް މަސައްކަތްކުރަނީ އެއްކޮށް މަސައްކަތް ނިމިގެން ނޫންކަމަށެވެ. އެކަމަކު ޢާއްމުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމަށްވުމުން ވީއެންމެ އަވަހަށް ހުޅުވުމަށް މަސައްކަތް ކުރަނީކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ޒަމާނީ ޕިކްނިކް އައިލެންޑެއްގެ ހުންނަ ހުރިހާ ކަމެއްވެސް ގުރައިދޫ ޕިކްނިކް އައިލެންޑްގައި ހުންނާނެކަމަށެވެ. މަސައްކަތް ނިމޭއިރު ޗޭންޖިންގ ރޫމަކާއި ދަތުރުދާ މީހުންނަށް ޚާއްސަ ރެސްޓޯރެންޓް ކެފޭއަކާއި ފިހާރައެއްވެސް ތަރައްޤީކުރުމަށްވަނީ ޕްލޭންކޮށްފައެވެ. ކައުންސިލްގެ ވިސްނުން ހުރީ ގުރައިދޫ ޕިކްނިކް އައިލެންޑާއި އެރަށުގައި ތަރައްޤީވަމުން އަންނަ ފަތުރުވެރިކަމާއިވެސް ގުޅުވާލުމަށެވެ. މިގޮތުން ޕިކްނިކް އައިލެންޑް ކޮމްޕޯނެންޓެއްގެ ގޮތުގައި ފަތުރުވެރިންނަށްވެސް ދެވޭނެހެން ހެދުމާއި ގުޅޭގޮތުން، މިހާރު އެރަށުގައި ހިންގަމުން އަންނަ ގެސްޓް ހައުސްތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ދަތުރުދިޔުމަށް ވަކިގޮތަކަށް ދަތުރުފަތުރު ހަމަޖެއްސުމުގެ ވިސްނުމެއް ކައުންސިލްގެ ނެތެވެ. އޭގެބަދަލުގައި ޢާއްމުންގެ ޑިންގީތަކުގައި އެތަނަށް ދިޔުމުގެ ހުއްދަދޭގޮތަށް ކައުންސިލުން މިހާރު އަންނަނީ ޕްލޭންތައް ހަދަމުންނެވެ.
ގުރައިދޫގައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ގުރައިދޫ ފަޅުތެރޭގައި 1.7 ހެކްޓަރުގެ ބިމެއް ހިއްކާ 278 މީޓަރުގެ ރިވެޓްމެންޓެއްޖަހާއި އެތަންވަނީ ޙިމާޔަތްކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 13.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި ސަރަޙައްދެކެވެ.
ޕިކްނިކް އައިލެންޑަކީ ގުރައިދޫގެ ރައްޔިތުންނަށް އުފާވެރި މާޙައުލެއްގައި ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކޮށް މުޅި މުޖުތަމަޢުގެ ހަމަޖެހުމަށް ހެޔޮބަދަލެއް ގެނުވާނެ އަދި އިޤްތިޞާދީގޮތުން ރަށުގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވައެވެ.