ރަށްރަށުގެ ކުދިންގެ ފެންވަރު
ބެލުމަށް މިއަހަރު އަތޮޅު ތެރޭގައި ނެޓްބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ
ނައިބް ރައީސް އާމިނަތު ނިމާ ވިދާޅުވީ މިދިޔަ އަހަރު އެސޯސިއޭޝަނާ ހަވާލުވެވުނީ
އަހަރުގެ މެދުތެރޭގައިކަމަށާއި، އެހެންނަމަވެސް މިދިޔަ އަހަރުވެސް ވަރަށް
ފޯރިއާއެކު ތިން މުބާރާތެއް ކުރިއަށް ގެންދެވުނުކަމަށެވެ. ހާއްސަކޮށް އިންޓަރ އޮފީސް
މުބާރާތް ފާހަގަކުރެވޭކަމަށް ނިމާ ވިދާޅުވިއެވެ. މިއަހަރު ގިނަ މުބާރާތްތަކެއް
އެސޯސިއޭޝަނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފަކަމަށްވެސް ނިމާ ވިދާޅުވިއެވެ.
އެގޮތުން އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެޓޯލް ޖޫނިއަރ
ޗެންޕިއަންޝިޕް ނެޓްބޯޅަ މުބާރާތަކީ އަތޮޅުތަކުގައި ތިބި ހުނަރުވެރި ކުދިން
ދެނަގަތުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއްްކަމަށް އޭނާ ވިދާޅުވިއެވެ. އަދި
މިއަހަރު އަލަށް ވައިޑީޕީ ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ނެޓްބޯޅަ
އެސޯސިއޭޝަންގެ ނައިބް ރައީސް އާމިނަތު ނިމާ ވިދާޅުވިއެވެ.
"މިފަހަރު އެހެން އަހަރުތަކަށް ވުރެ މުބާރާތްތައް ގިނަވާނެ. ޤައުމީ ފެންވަރުގެ މުބާރާތްތައްވެސް ގިނަވާނެ. އަދި އަތޮޅުތަކަށް އާމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތައްވެސް ގިނަވާނެ. ހަމައެކަނި މާލޭގައި މުބާރާތްތައް ކުރިއަށްގެންދިއުމުގެ ބަދަލުގައި އަތޮޅުތަކުގައިވެސް މިފަހަރު ގިނަ މުބާރާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފަ." ނިމާ ވިދާޅުވިއެވެ.
މިފަހަރުގެ ނެޓްބޯޅަސީޒަން ވަރަށް ކާމިޔާބު ސީޒަނަކަށް ވެގެންދާނެކަމަށް ނެޓްބޯޅަ
އެސޯސިއޭޝަނުން އުއްމީދުކުރެއެވެ.