އަމީނީ މަގުގައި މިހާރު މަރާމާތުކުރަމުންދާ ސަރަޙައްދުގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.
އެގޮތުން މަގުގައި ތާރު އެޅުމުގެކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް އެމްޓީސީސީން މިވަނީ ފަށާފައެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެ، މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އޭގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެއީ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެކެވެ. މަގު މަރާތުކުރުމުގައި، މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލު ގެނެއެވެ.
އެމްޓީސީސީން ވިދާޅުވީ މަގުގައި މަގުގައި ސްބް ގްރޭޑްގެ މަސައްކަތް ނިމި، ތާރު ފަށަލައިގެން ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމާނެކަމަށެވެ. އެއަށްފަހު ތާރު އެޅުމުގެ މަސައްކަތް ފަށާނެއެވެ.
މިހާރު މަރާމާތުކުރަމުންދާ ސަރަޙައްދު އެހާ އަވަހަށް ހަލާކުވާން ދިމާވި އެއް ސަބަބަކީ އެ މަގަކީ ބޮޑެތި ބަސް ދުއްވާ އަދި ހެވީ ވެހިކަލް ދުއްވުމަށް ބޭނުންކުރާ މައި އެއް ސަރަޙައްދަށް ވުމެވެ. އަދި ބައެއް ސެގްމަންޓްގައި ތާރު އަޅާ، ރަނގަޅަށް ހިއްކަން މަގުތު ނުލިބު، މަގު ދުއްވަން ހުޅުވާލުންވެސް މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މަގުގެ މަސައްކަތް މިފަހަރު ކުރިއަށްގެންދާއިރު، މަގުގެ ކޮލިޓީ ހިފެހެއްޓުމަށް މި ކަންކަމަށް ރިއާޔަތްކުރެއެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށެވެ.
އަދި މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށްފަވެއެވެ. މި މަސައްކަތަށް މިދިޔަ ސަރުކަރުގައި 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.