އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިއަނުން ގެންނަ އޭޓީއާރު މަރުކާގެ 3 ބޯޓުގެ ތެރެއިން 2 ބޯޓެއް މިހާރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. ނަމަވެސް މި ބޯޓު އަދި އޮތީ ރާއްޖެއިން ބޭރުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި 2 ބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ލިޔެކިއުންތަކުގެ މަސައްކަތް ކަމަށެވެ. ބޯޓު ރާއްޖެ އަންނަނީ ފްރާންސުންނެވެ. ނަމަވެސް މި ބޯޓުތައް ރާއްޖެ އަންނާނީ ރާއްޖެއިން ބޭރުގެ އެހެނިހެން މަންޒިލްތަކުގައި ޓްރާންސިޓް ކޮށްފައިކަމަށް ޖެނިފަރ ވިދާޅުވިއެވެ.
ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ލަސްވެފައިވަނީ މިއީ ރާއްޖެއިން ބޭރުގެ ގިނަ ޤައުމުތަކަކަށް ސަރުކާރު ބަންދު ދުވަސްވަރަކަށްވެފައި ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމުމުގައި ލަސްތަކެއް ހުރުމުންކަމަށެވެ. ނަމަވެސް ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި ބޯޓުތައް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ޖެނިފަރ ވިދާޅުވިއެވެ.
މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިއަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.
ATR will be providing #sustainable regional connectivity in the archipelagos with the delivery of the first #ATR72-600 equipped with the new PW127XT engine, to @MaldivianAero . pic.twitter.com/k7w7mfuHf9
— ATR (@ATRaircraft) December 23, 2022
އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ.
ސްކޫލް ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް އިތުރުވާތީ މިދިޔަ މަހު މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއަރކްރާފްޓެއްވެސް ރާއްޖެ ގެނެސްފައެވެ.
މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ 2 ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 10 ބޯޓެވެ.
މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. އަދި އެތެރޭގެ އުދުހުންތަކަށް ބަލާއިރު ދަރަވަންދޫ އާއި ކުޑަހުވަދޫ އެއަރޕޯޓް ނޫން އެހެން ހުރިހައި އެއަރޕޯޓަކަށް މޯލްޑިވިއަނުން ދަތުރުކުރެއެވެ.