ކުދި ޤައުމުތަކުން ހޯދާ ކާމިޔާބީތަކުގެ ވާހަކަތައްވެސް މީޑިއާއިން ގެނެސްދިނުމަކީ މުހިންމުކަމެއްކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ. ނަމްޒާ މިހެން ވިދާޅުވީ، އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ކުރިއަށްދަނީ މިމަހުގެ 3 އިން 5 އަކަށް ޗައިނާގެ ޝެންޒެން ހިމެނޭހެން 3 ސިޓީއެއްގައެވެ.
މި ފޯރަމްގައި ކުދި ޖަޒީރާ ޤައުމަކަށްވީތީވެ ރާއްޖެއަށް ހުރި ގޮންޖެކުންތަކާއި، ތިމާވެށީގެ ގޮތުން ރާއްޖެ އޮތް ހާލަތައް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވިދާޅުވީ، މިއީ ރާއްޖޭގެ ވާހަކަދައްކާއިރު ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކެއްކަމަށެވެ. އެހެންނަމަވެސް ހަމަ އެ މޭރުމުން ކިތަންމެ ކުޑަ ޤައުމަކަށް ރާއްޖެ ވީނަމަވެސް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ ވާހަކަވެސް ދެއްކުން ކޮންމެހެން މުހިންމު ކަމަށެވެ.
ޤައުމުގެ ކުޑަ ބޮޑު މިނަކަށް ބެލުމެއްނެތި މިފަދަ ވާހަކަތައް ބައިނަލްއަޤްވާމީ މީޑިއާގައި ގެނެސްދިނުމަކީ މީޑިއާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މުހިންމު ޒިންމާއެއްކަން ނަމްޒާ ފާހަގަކުރެއްވިއެވެ.
1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ ދިވެހި ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ޤާނޫނަކުން ބާރުލިބި ޤައުމީ ފެންވަރުގައި ތަންފީޒްކުރަންފެށި ފެށުން މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. މިއީ ނުހަނު ބޮޑު ކާމިޔާބީއެއްކަމަށާއި މިފަދަ ކާމިޔާބުތަކަކީ މީޑިއާތަކުން ގެނެސްދޭންވާނެ ވާހަކަތަކެއްކަމަށް ނަމްޒާ ވިދާޅުވިއެވެ.
"ޤައުމީ ފެންވަރުގައި ދުންފަތުގެ އިސްތިއުމާލުކުރުކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން މިއީ ދުނިޔޭގެ އެންމެ ކުޑަ އެއް ޤައުމުން ނިންމި ބޮޑު ނިންމުމެއް. ރާއްޖެ ކިތަންމެ ކުޑަޔަސް މިއީ އެހެން ޤައުމުތަކަށް ރާއްޖެއިން ދެއްކި ރީތި ނަމޫނާއެއް." ނަމްޒާ ވިދާޅުވިއެވެ.
މި ފޯރަމްގައި ނަމްޒާގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގެ ޚަބަރުތައް ގެނެސްދޭގޮތަށް ކުދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހޯދާ ކާމިޔާބީތަކާއި އެ ޤައުމުތަކުން ރަނގަޅަށް ކުރާ ކަންތައްތަކުގެ ޚަބަރުތައް ގެނެސްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޗައިނާގައި ކުރިއަށްދާ އޭޝިއާ އަދި ޕެސިފިކްގެ ޤައުމުތަކުގެ މީޑިއާތަކުގެ މަންދޫބުން ބައިވެރިވާ މި ފޯރަމަކީ އެއްބަޔަކު އަނެއްބައެއްގެ ކިބައިން އުނގެނި ހިތްވަރުލިބި، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް މީޑިއާގެ ފަރާތްތައް ހެދުމަށް ބާރުއަޅާ ފޯރަމަކަށްވުމަށް އެދިވަޑައިގަންނަވާކަމަށް ނަމްޒާ ވިދާޅުވިއެވެ.