ޚަބަރު

ސޮނާކްޝީގެ "ޑަބަލް އެކްސް އެލް" ނެޓްފްލިކްސް އަށް


މިދިޔަ މަހު 24 ވަނަ ދުވަހު ރިލީޒްކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ހުމާ ގުރޭޝީ އާއި ސޮނާކްޝީ ސިންހާ ލީޑު ކުޅޭ ފިލްމު "ޑަބަލް އެކްސްއެލް" ސްޓްރީމިންގް ޕްލެޓް ފޯމް ނެޓްފްލިކްސް އިން ބެލޭނެ ގޮތް ހަމައްޖައްސައިފިއެވެ.

މި ފިލްމުގެ އޯޓީޓި ރައިޓްސް ކުރިންވެސް ނެޓްފްލިކްސް އަށް ދޭން އެ ޕްލެޓްފޯމުން އެދިފައިވާއިރު، މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ ކަމަށް ނެޓްފްލިކްސް އިންޑިއާ އިން އިޢުލާންކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މިކަން އިޢުލާނުކޮށްފައި ވަނީ "ޑަބަލް އެކްސްއެލް"ގެ ޕޯސްޓަރާއި ކެޕްޝަން އާއިވެސް އެކުގައެވެ.

ފިލްމުގެ ވާހަކަ އެނބުރެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި އާބަން ނިއުދިއްލީ އިން އަންނަ ޕްލަސް ސައިޒް ދެ އަންހެނުންނަށް ދިމާވާ ކަންތައްތަކެއްގެ ތެރޭގައެވެ. ރަނގަޅު ސްޓަރ ކާސްޓަކާއި ކޮންސެޕްޓްވެސް ރަނގަޅު ނަމަވެސް "ޑަބަލް އެކްސްއެލް" އަށް އެކި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބޫޝާން ކުމާރުގެ ޓީސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ކާސްޓުގައި ސޮނާކްޝީ އާއި ހުމާގެ އިތުރުން ދެން ފެންނާނީ ސޮނާކްޝީގެ ލޯބިވެރިޔާ ކަމަށް ބުނާ ޒަހީރު އިގްބާލުގެ އިތުރުން މަހަތު ރަގަވެންދަރުއެވެ.

މި ފިލްމު ކުޅެންވެގެން ސޮނާކްޝީއާއި ހުމާ ވަނީ 15-20 ކިލޯ އަށް ހަށިގަނޑުގެ ބަރުދަން އިތުރު ކޮށްފައެވެ. ކޮމެޑީ ފިލްމެއް ގޮތަށް ގެނެސްދިން މި ފިލްމުގެ ޑައިރެކްޓަރަކީ ސަތްރަމް ރަމާނީ އެވެ.