ޚަބަރު

އައު އަހަރުގެ ފުރަތަމަ ފަތުރުވެރިއާއަކީ ރަޝިޔާ މީހެއް


ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ ރަޝިއާ ފިރިހެނެކެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި، އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޚާއްސަ ޙަރަކާތެއް ބާއްވައެވެ. އެގޮތުން މިއަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ޙަރަކާތްތަކެއް ބާއްވާފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ ރަޝިއާ ފިރިހެނެއްކަމަށްވާ ނިކޮލައި ސްޓްރޭޓިކަކްއެވެ. ނިކޮލައި ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ އާއިލާއާއެކުއެވެ.

އައު އަހަރާއި ދިމާކޮށް ޗުއްޓީ ހޭދަކުރަން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ނިކޮލައިވެސް އޭނާގެ އާއިލާއާއިއެކު ރާއްޖެއައީ އައު އަހަރުގެ ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ އާއިލާއާއިއެކު ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކާއި އެކު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ޝަރަފުވެރި ވިދިވިދިގެން ތިންވަނަ ފަހަރަށް 2022ގައި ރާއްޖެއަށްވަނީ ލިބިފައެވެ. އަދި މިދިޔައަހަރަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުވެސް ވަނީ ހާސިލްކޮށްފައެވެ.

މިދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވެފައިވާއިރު، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުއްމީދު ބޮޑު އަހަރެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ. އެހެންކަމުން 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެނަމަ މިއަދަދު ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާތަނަށް ހެދޭ ރެކޯޑް އަދަދަކަށެވެ.