ބޮލީވުޑްގެ އެންމެ ސްޓައިލިސްޓް ބަތަލާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އެކަކަކީ ސޯނަމް ކަޕޫރެވެ. އެންމެ ސްޓައިލްސްޓް ބަތަލާގެ މަޤާމު ސޯނަމް އަށް ހައްޤުވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިއިރު، އޭނާގެ އެކްޓިންގެ ހުނަރު މޮޅުކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.
2013 ވަނަ އަހަރު ދެއްކި "ރާންޖަނާ"، 2014 ވަނަ އަހަރު ދެއްކި "ހޫބުސޫރަތް" އަދި 2016 ވަނަ އަހަރު ދެއްކި "ނީރްޖާ" އަކީ ސޯނަމްގެ މޮޅު އެކްޓިން ފެނިފައިވާ ފިލްމުތަކެވެ.
2019 ވަނަ އަހަރު ދެއްކި "ދަ ޒޯޔާ ފެކްޓާ" އިން އެންމެ ފަހުން ފެނުނު ސޯނަމް ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ބްލައިންޑް" އިންނެވެ. މިހާރު މަސައްކަތް ނިންމާފައި ނަމަވެސް ރިލީޒްކުރާނެ ތާރީޚެއް އިއުލާން ނުކުރާ މި ފިލްމު ރިލީޒްކުރާނީ ޒީ5 އިން ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
2020 ވަނަ އަހަރު ސްކޮޓްލޭންޑްގައި ޝޫޓްކުރި ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ނެޓްފްލިކްސް އަށް ސްޓްރީމިން ރައިޓްސް ވިއްކަން ފިލްމުގެ ޓީމުން މަސައްކަތްކުރިއެވެ. ނަމަވެސް ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުމުން، މިހާރު ޒީ5 އާ އެކީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް "ބްލައިންޑް" ގެ ޓީމާއި ޒީ5 އިން އިއުލާނެއް ނުކުރެއެވެ.
"ބްލައިންޑް" އަކީ ހަމަ އެ ނަމުގައި ގެނެސްދީފައިވާ ކޮރެއާގެ 2011 ގެ ކްރައިމް ތުރިލާގެ ރިމޭކެކެވެ. ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ޝޯމް މަކީޖާ އެވެ. "ބްލައިންޑް" ގެ ކާސްޓްގައި ޕޫރަބް ކޯލީ އާއި ލިލީތާ ޑޫބޭގެ އިތުރުން ވިނޭ ޕަތަކް ހިމެނެއެވެ.