ޚަބަރު

މަސްތުވާތަކެތިން ސަލާމަތްވެ 242 މީހަކު އަނބުރާ މުޖުތަމަޢުއަށް


މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރުވާ، މިދިޔަ އަހަރު 1000އަށްވުރެ ގިނަ މީހުންނަށް ހޯދާފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ އިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި އޮތް އިޖުތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ވަނީ ފަރުވާ ދޭނެ ގިނަ މަރުކަޒުތަކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ 1017 މީހަކަށް އެންޑީއޭއިން ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ކޮމިއުނިޓީ ސަރވިސް ސެންޓަރުން 317 މީހުން ރަޖިސްޓްރީވެ ފަރުވާހޯދަމުންދާކަމަށް އެންޑީއޭއިން ހާމަކުރައްވައެވެ.

އެންޑީއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް 242 ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުއަށް ނެރެފައެވެ. އަދި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަރުވާ ހޯދުމުގެ ޕްރޮގްރާމްތަކުގައި މިހާރުވެސް އެންޑީއޭގައި 775 މީހުން ފަރުވާހޯދަމުންގެންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެތިން ސަލާމަތް ވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ހުޅުމާލޭގަ ހުންނަ ހާފްވޭ ހައުސް ކޮމިއުނިޓީ ސަރވިސް ސެންޓަރގަ 143 މީހުން ފަރުވާ ހޯދަމުންގެންދާއިރު، 146 މީހުން ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހައިބިލިޓޭޝަން ސެންޓަރުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

މީގެ އިތުރުން ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރުގައި 111 މީހުން ފަރުވާ ހޯދަމުންގެންދާކަމަށް އެންޑީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގަގަން ކްލިނިކްގައި 89 މީހުންނާއި، ގދ. ތިނަދޫ ޑްރަގްޓްރީޓްމަންޓް އެންޑް ޑީޓޮކްސިފިކޭޝަން ސެންޓަރުގައި 55 މީހުންނާއި، ހުޅުމީދޫ ވިލުނު ގައި 36 މީހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފަރުވާ ހޯދަމުންނެވެ. އަދި ކ. ގުޅީފަޅު ދަގެނާ ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި 16 މީހުންނާއި، ހުޅުމާލޭ ހާފްވޭ ހައުސް ފީމޭލް ރީހޭބިލިޓޭޝަން ސެންޓަރުގައި 7 މީހުން ދަނީ ފަރުވާ ހޯދަމުން ކަމަށް އެންޑީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުޅުމާލޭގެ ސެމީ ރެސިޑެންޝަލް ހާފްވޭ ހައުސްގައި 6 މީހުންނާއި، ޗިއުރަންސް ކޮމިއުނިޓީ ރީހޭބިލިޓޭޝަން ސެންޓަރުގައި 3 ކުދިން ފަރުވާގެ ކަންތައް ކުރިއަށް ގެންދާކަމަށް އެންޑީއޭގެ ނިމިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް އެންޑީއޭގައި ރަޖިސްޓްވެފައި ތިބި މީހުންގެ ލިސްޓްގައި ގިނަ ބަޔަކު ތިބިކަން އެންޑީއޭއިން މިދިޔަ އަހަރު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ހަ މަސް ދުވަހުގެ ތެރޭގައި އެ ލިސްޓުކުޑަކޮށް ތަފާތު ދެއްކުންކަމަށް އެންޑީއޭއިން ވަނީ އަމާޒު ހިފާފައެވެ.

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ހުޅުވާފައެވެ.