ހުޅުމާލޭ ފޭސް 2ގައި ހުޅުމާލޭ ހޮސްޕިޓަލްގެ ކުލިނިކެއް ހުޅުވާ ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ. އެ ހޮސްޕިޓަލުން ބުނީ އެޗް 16ގައި ހުންނަ މި ކްލިނިކުން މާދަމާއިން ފެށިގެން ބަލި މީހުން ބަލަމުން އަންނާނެކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށެވެ. އަދި މިިދިޔަ ދެ ހަފްތާގެ ތެރޭގައި އެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
މި ކްލިނިކްގެ ސަބަބުން އެ ހޮސްޕިޓަލަށް ދައްކަން އަންނަ މީހުން އިތުރުވެ ޚިދުމަތް ދިނުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ފޭސް 2 އުޅޭ ރައްޔިތުންނަށް މި ކްލިނިކު ހުޅުވުމުން ފަސޭހަކަން ލިބިގެންދާނެކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ދެކެއެވެ.
ހުޅުމާލޭ ފޭސް 2ގައި ހުޅުވާ މި ކްލިނިކުން ފަރުވާދެމުން އަންނަނީ އާންމު ބަލިތަކަށެވެ. އެހެންނަމަވެސް ވަކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތަކަށް މި ކްލިނިކް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މާދަމާ މި ކްލިނިކް ހުޅުވާއިރު އެތަނުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، އެސްޓީއޯގެ ފާމަސީއެއް ހުންނާކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ދާދި އަވަހަށް އެތަނުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އެހެނިހެން ބައެއް ހިދުމަތްތައްވެސް ފަށާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
މި ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00 އަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.