ޚަބަރު

މާލޭގެ މަގުތަކަށް ކުނި އަޅާނަމަ ހަރުކަށި ފިޔަވަޅުތަކެއް


މާލޭގެ މަގުތަކަށް ކުނިއަޅާއި، އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުވާ މީހުންނާއިމެދު ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެގޮތުން އެ ފިޔަވަޅު އަންނަ ހުކުރު ދުވަހުންފެށިގެން ތަންފީޒްކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލެތެރެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ ޑިސެމްބަރު 26 އަށެވެ. މިއާއެކު މާލޭގެ އެކި ސަރަައްދުތަކުން ކުނި ނަގާ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލެ ސިޓީއަކީ، އަމާން ރައްކާތެރި އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭވުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ކުނި އުކާލައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކުރުމާއި ކުނި އެޅުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދެއެވެ.

މީގެ ކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ އަމަލުތައް ތަކުރާރުކޮށް ކުރާފަރާތްތަކަށް ނަސޭހަތްދީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
އެގޮތުން، އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މިހިނގާ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން މާލޭގެ މަގުތަކަށް ކުނިއަޅާމީހުން މޮނީޓަރކުރުމަށްފަހު އެފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ޢާންމު ތަންތަނަށް ކުނި އަޅާނަމަ އަޅާނެ ފިޔަވަޅު

* ފުރަތަމަ ފަހަރަށް ނަސޭހަތް ނުވަތަ އިންޒާރުދިނުން
* ދެވަނަ ފަހަރު 200 ރުފިޔާއިން ޖޫރިމަނާ
* ތިންވަނަ ފަހަރު 400 ރުފިޔާއިން ޖޫރިމަނާ
* އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ

ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަން

* ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ
* ދެވަނަ ފަހަރު 1500 ރުފިޔާއިން ޖޫރިމަނާ
* ތިންވަނަ ފަހަރު 1800 ރުފިޔާއިން ޖޫރިމަނާ
* އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާ

ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބަހައްޓާނަމަ

* ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާ
* ދެވަނަ ފަހަރު 3000 ރުފިޔާއިން ޖޫރިމަނާ
* އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ

ގަވައިދާއި ޚިލާފަށް މަގުމަތީގައި އުޅަނދު ޕާކްކުރާނަމަ

* ފުރަތަމަ ފަހަރު 250 ރުފިޔާއިން ޖޫރިމަނާ
* ދެވަނަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ
* އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 750 ރުފިޔާއިން ޖޫރިމަނާ

ހުސްބިންތަކާއި ޕާކިންގ ސްލޮޓްތަކުގައި ޤަވާއިދާއި ޚިލާފަށް ޕަކްކުރުން

* ފުރަތަމަ ފަހަރު 1500 ރުފިޔާއިން ޖޫރިމަނާ
* ދެވަނަ ފަހަރު 3000 ރުފިޔާއިން ޖޫރިމަނާ
* އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ

މީގެ އިތުރުން ޒިބްރާ ކްރޮސް ނުވަތަ ޕާކްކުރުން މަނާ ބޮކްސް ނުވަތަ މަގުމަތީގަިއ ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ޕާކްކުރާނަމަ އެ އުލަނދެއް ޓޯވކުރާނެކަމަށްވެސް ސިޓީ ކައުންސިލްގެ އުސޫލުގައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ދިނުމުގެ އުޞޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތަކަށް ކުނި އަޅާފަރާތްތައް ނުވަތަ ޤަވާއިދާއި ޚިލާފަށް ކުނި އަޅާ ފަރާތްތައް ދެނެގަތުމުގެ ޢަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހުން ފެށިގެން ކުރަމުން ދާނެކަމަށެވެ. އަދި ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު، އެފަރާތްތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައިކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތއް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުން ހުއްޓުވުމަށް ކުނި އެޅުންމަނާ ސަރަހައްދުތަކުގައި ބޯޑުތައްވެސް ހަރުކުރިއެވެ. ނަމަވެސް އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.

މާލެ ސިޓީ ކައުންސިލާއި، ވެމްކޯއާއި ދެމެދު އޮތް ޚިޔާލުތަފާތުވުމުގެ ތެރެއިން، މާލެ ތެރޭގައި ކުނި ނުނަގާ ހުރުމުގެ ސަބަބުން ޢާއްމު ބަލިމަޑުކަމެއް ފެތުރިގެން ހިނގަދާނެ ކަމުގެ ބިރުއޮތްކަމަށް ބުނެ، އެކަމުގެ ނުރައްކާ އިތުރަށް ބޮޑުވެދާނެތީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އެދިވަޑައިގަތުމުގެ މަތިން މާލެ ތެރޭގައި ހުރި ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނީ ނިމިދިޔަ 2022 އަހަރުގެ ޑިސެންބަރު މަހުފަހުކޮޅުގައެވެ.

އަދި ޤާނޫނީ ގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތުން މާލެތެރެ ސާފުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށްގެންދިޔުމަށް އީޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.