ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަމަކާ އެއްކުރިޔަސް ފައިހަމަނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ މިހާރުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި، ދިމާވި އިޤްތިސާދީ ދަތިތަކާއެކު، ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް، ރާއްޖޭގެ އުތުރުން-ދެކުނަށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާއި، ސާރވިސް ޗާޖުދިނުމުގެ އުސޫލަށް ގެނެވުނު ބަދަލާއި، ޕޭ ހާމަނައިޒޭޝަން އަދި ހިލޭ ޑިގްރީ ޕްރޮގްރާމް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުތަކުގައި، ދިމާވި އިޤްތިސާދީ ދަތިތަކާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައިހަމަނުކުރެވޭނެކަމަށެވެ.
މިދިޔަ އަހަރުތަކުގައި، ދިމާވި އިޤްތިސާދީ ދަތިތަކާއެކު، ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް، ރާއްޖޭގެ އުތުރުން-ދެކުނަށް އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްސް ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް ގެނެސް,
— Ibrahim Ameer (@iameeru) January 19, 2023
އިޤްތިސާދީގޮތުން ރާއްޖެއަށް އަންނަމުންދާ ކުރިއެރުންތައް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރަށް ލަފާކުރި އިޤްތިޞާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް ވޯލްޑް ބޭންކުން މަތިކޮށްފައެވެ. އެ ބޭންކުން މިހެން އަންދާޒާކޮށްފައި ވަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުންނެވެ.
ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ %41.7 އަށް ކުރިއަރައިފައެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު %12.3 އަށް ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.
މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއިން އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ އަދި މާލީ ސިޔާސަތެވެ. ކޯވިޑާއެކު އެޅުއްވި ފިޔަވަޅުތަކާއި، ކޯވިޑަށްފަހު އިޤްތިޞާދު އިއާދަކުރަން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ. ވަޒީފާ ނެތް މީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހޯއްދައިދީ، ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް ފޯރުކޮށްދިން އެހީތެރިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބުތައްކަމަށް އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ފާހަގަކުރެއެވެ.