ޚަބަރު

ފުވައްމުލަކުން މަސްގަނެވޭނެ އިންތިޒާމް ހަމަޖައްސަނީ


މަސްވެރިންނަށް މަސްކިރުވޭނެ ފަސޭހަ އިންތިޒާމްތަކެއް ފުވައްމުލައް ސިޓީގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ދެކުނުގައި މަސް ގަންނާނެ އިތުރު ވަސީލަތްތައް ގާއިމްކުރުމާއި، މިހާރު ހުރި ވަސީލަތްތައް އަޕްގްރޭޑު ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކޫއްޑޫ މަސް ގަންނަ ކާރުޚާނާއާއި، އައްޑޫ މަސް ކާރުޚާނާގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ފުވައްމުލައް ސިޓީގެ މަސްވެރިން ބާނާ މަސް އެރަށަށް ގަނެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ. ފުވައްމުލައް ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައިވަނީ މިމަސައްކަތުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ.

ރައީސް ވިދާޅުވީ އެރަށު މަސްވެރިން ބާނާ މަސް އެރަށް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެެވެ.

" އެކަންކުރިން ޕްރައިވެޓު ސެކްޓަރއަކުން ފަށާފައި އޮތް ކަމަކަށްވާތީ، ސަރުކާރަށް އެ ނެގުމަށްފަހުގައި، އެކަން ކުރުމުގެ މަސައްކަތް މިހާރުވާނީ، އެސްޓީއޯ އާއި ހަވާލުކުރުމުގެ މަގުމަތީގައި، އަޅުގަނޑު ޔަގީންކުރަނީ، އެސްޓީއޯއިން އެކަން، ދެން ފަހަރެއްގައި ކުޑަކޮށް، މިވަގުތު ލަސްވެފައި އޮވެދާނެ، އެކަމަަކު އެކަން އަވަސްކުރުމަށް މަސައްކަތްކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުން ތަރައްޤީގެ ރޮގުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.

ސަރުކާރުން ދަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަސްވެރިންނާއިގާތުން މަސައްކަތްކުރަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް މަސް ގަތުމަށް ހުރި ދަތިތަކަށް ހައްލުކުރުމަށް މިފްކޯއިން ދާދިފަހުންވަނީ މަސް ކިރުމުގެ މަސައްކަތަށް އިތުރު 3 ބޯޓުވެސް ގަނެފައެވެ. މިފްކޯއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ބޯޓުތައް ރާއްޖެއަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

އަދި މީގެއިތުރުން މިދިޔަ ހަފްތާގެތެރޭގައި ވަނީ ފެލިވަރުގައި ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ޤައިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ.