ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލުން އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތް ފެށުން


ހުޅުމާލޭ ހޮސްޕިޓަލްގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފައްޓަވައި ތުންފަތާއި ތަލީގެ އައިބު ހުންނަ މީހުން އޮޕަރޭޝަން ކުރުމުގެ ކޭމްޕެއް އިފްތިތާޙުކުރައްވައިފިއެވެ.މި ޚިދުމަތް އިފްތާތާޙު ކޮށްދެއްވީ މިއަދު ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.ހުޅުމާލޭ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާ އެތަނުން ދެއްވާ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް އެހޮސްޕިޓަލްގައި ތައާރަފްކުރައްވާ ވަނީ ޚިދުމަތް ދެއްވަން ފައްޓަވާފައެވެ. އޭގެ ތެރޭގައި ލެބޯޓްރީއިން ކުރިން ނުހެދޭ ބައެއް ޓެސްޓުތައް ހެއްދުމާއި، ފިޒިއޮތެރަޕީއާއި، ޑެންޓަލް ޚިދުމަތާއި، އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި މިހާރުމިވަނީ އަލްޓްރާ ސައުންޑް ސްކޭންގެ ޚިދްމަތްވެސް ދެއްވަން ފައްޓަވާފައެވެ.ތުންފަތާއި ތަލީގެ އައިބު ( ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް ) އޮޕަރޭޝަން ކުރުމުގެ ޚިދްމަތަކީވެސް ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދްމަތެކެވެ. މި ކޭމްޕުގެ ބޭނުމަކީ ސާރޖަރީތަކާއި ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. މި ޚިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލްގައި މިފަދަ ސާރޖަރީތައް މީގެ ކުރިންވެސް ކުރައްވާފައިވާ ކަމަށާއި މި ޚިދްމަތްތައް ލިބޭކަން ބައެއް ފަރާތްތަކަށް  ނޭނގި، ރާއްޖެއިން ބޭރަށް ބޮޑެތި ޚަރަދުކޮށްފައި ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި މި ޚިދްމަތް ދެއްވަނީ ރާއްޖެއިން ބޭރުންވެސް ކުރައްވާ ފެންވަރަށްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އަލްޓްރާ ސައުންޑް ސްކޭންގެ ޚިދްމަތް ތަޢާރަފް ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޝާކިރު ވިދާޅުވީ، އެ ހޮސްޕިޓަލުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު އަލްޓްރާ ސައުންޑް ސްކޭނިންގ ޚިދުމަތް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް އިތުރުކުރެއްވުމުގެ ގޮތުން އަންނަ މަހުގެ ތެރޭގައި އެ ހޮސްޕިޓަލްގައި އައިސީޔޫގެ ޚިދުމަތާއި ބްލަޑް ބޭންކްގެ ޚިދުމަތް ދެއްވަން ފައްޓަވަން ތައްޔާރުވަމުންދާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ހާމަކުރައްވައެވެ.