ޚަބަރު

ފުލުހުންގެ ރައްކާ ޕްރޮގްރާމަށް އެލައިޑުން 100 ހެލްމެޓް


މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމްތަކަށް އެލައިޑުން 100 ހެލްމެޓު ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

އެލައިޑު އިންޝުއަރެންސްގެ ފަރާތުން މި ހެލްމެޓުތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ހެލްމެޓުތަކާއި ޙަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހެވެ.

"ރައްކާ ރޯޑް ސޭފްޓީ" ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން އެލައިޑް އިންޝުއަރެންސްއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމެގެ ދަށުން ރާއްޖޭގ އެކިކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ.

އެލައިޑު އިންޝުއަރެންސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހް ވިދާޅުވީ، ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމްގެ ދަށުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކަށްކަމަށެވެ. އޭގެތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

"މިއަހަރު އަޅުގަނޑުމެން ރާވާފައިވާ ޕްރޮގަރާމްތަކަށް ބަލާލާއިރު ރަމަޞާން މަހުގެ ކުރިން ގދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ޕްރޮގްރާމްތައް ރޭވިފައި އެބަހުރި. އަދި ކުޅުދުއްފުށި ހިމެނޭހެން ހދ. އަތޮޅުގައިވެސް ރަމަޞާން މަހުގެ ކުރިން މިޕްރޮގްރާމްތައް ހިންގަން ރާވާފައި އެބަހުރި." ފަސީހް ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސްގް ޖެނަރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، ފުލުހުންނަށް 100 ހެލްމެޓް ހަދިޔާކުރުމުގެ މަޤްޞަދަކީ މަގުމަތީގެ ރައްކާތެރިކަމަށް ގިނަ މީހުން ހޭލުންތެރިކޮށް ހެލްމެޓް ފަދަ ސަލާމަތީ ވަސީލަތްތައް ބޭނުނުކުރުމަށް ބާރުއެޅުން ކަމަށެވެ.

އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީވެސް ވަނީ ލޯންޗްކޮށްފައިއެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެލައިޑުން ބުނެއެވެ.

އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަންވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެއެވެ.