ވިޔަފާރި

ޔޫކޭގައި ބޭއްވި ޓްރެވެލް ބުލެޓިން އިންޑިއަން އޯޝަންގައި ރާއްޖެ އިޝްތިހާރުކުރަނީ


އިނގިރޭސިވިލާތުގެ އެސެކްސްގެ ޗެލްމްސްފޯޑް ސިޓީގައި ބޭއްވި ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އެމްއެމްޕީއާރުސީއިން ޔޫކޭއަށް ކަޑައަޅާފައި ހުންނަ ޕީއާރު އެޖެންސީއިންނެވެ.

10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޔޫކޭގެ ޓްރެވަލް ބުލެޓިން އަކީ ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ޚަބަރުތަކާއި ތަމްރީނުތަކާއި ނެޓްވޯކިން އިވެންޓްތައް އިންތިޒާމްކޮށް ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިޝްތިހާރުކުރާ ފެއަރއެކެވެ. މި ފެއަރގެ ތެރެއިން ފަތުރުވެރިކަމުގެ ހިދުމަތްތައް ގަނެވިއްކާ ފަރާތްތަކުން އެއަތަނަކުން ބައްދަލުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބެއެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށުމުގެ ކުރިން އެމްއެމްޕީއާރުސީއިން ވަނީ މިތަނަށް ޒިޔާރަތްކުރި ފަރާތްތަކާއެކު 30 މިނެޓުގެ ބީ2ބީ ނެޓްވޯކިންގ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަކަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ގިފްޓް ހެމްޕަރތައް، އަދި ގިފްޓް ވައުޗަރތައްވެސް ވަނީ ހަދިޔާކޮށްފައެވެ.

މި އިވެންޓުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ ބޭނުމަކީ މި ސަރަޙައްދުގެ މަތީ ފެންވަރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، މާކެޓުގައި ރާއްޖޭގެ ބްރޭންޑްގެ މަޤުބޫލުކަން ދަމަހައްޓާ ހަރުދަނާކުރުމާއި ރާއްޖެގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ހިދުމަތްތައް، އަދި ތަފާތު ތަޖުރިބާތަކުގެ އެންމެ ފަހުގެ މައުލޫއްމާތު ހިއްސާކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް މާކެޓެވެ. މިދިޔަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 179،312 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ ރާއްޖެއައި ފަތުރުވެރިންގެ %10.7 އެވެ. އެމްއެމްޕީއާރުސީއިން ވަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް 2022 ވަނަ އަހަރު ހިންގާފައެވެ.