ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު އަހަރަކު ކެންސަރުގެ 17 މިލިއަނަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެއެވެ. 2040 ވަނަ އަހަރަށް ދާއިރު މި އަދަދު 27 މިލިއަނަށް އަރާނެކަމަށް އަންދާޒާކުރެއެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ތަފާސް ހިސާބުތަކަށް ބަލާއިރު، ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައިވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތަށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައިވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނެރެފައިވާ ތަފާސް ހިސާބުތައްް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ. ރާއްޖޭގެ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން 2020ވަނަ އަހަރު ދުނިޔެގޭ ސިއްޙަތު ޖަމިއްޔާއިން ކުރި ދިރާސާއެއްގައި ބުނާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ %17އަކީ ކެންސަރުގައި މަރުވާ މީހުންނެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ.
އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016އިން 2019އަށް، 7500އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ.
މީގެތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.
2023ވަނަ އަހަަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" މިއެވެ. ރާއްޖޭގައިވެސް ކެންސަރާ ދެކޮޅަށް މުހިންމު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ކެންސަރު ބައްޔަށް އެންމެ ބޮޑަށް މަގުފަހިވާ ކަމަކީ ދިރިއުޅުމުގެ ދުޅަހެޔޮ އާދަކާދަތަކާއި ދުރަށްދިއުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ކެއިންބުއިމުގެ ނުރަނގަޅު އާދަކާދައާއި ހެލިފެލިވެ ނޫޅުމަކީ ބަލިތަކަށް މަގުފަހިކުރުވާ އާދަތަކެވެ. އަދި އެފަދަ އަލާމަތްތައް ފެނި، ބައްޔަށް ސްކްރީން ކުރުން ލަސްކުރުން ހިމެނެއެވެ.