ޚަބަރު

ތުރުކީ-ސޫރިޔާ ބިންހެލުން: މަރުވި މީހުންގެ އަދަދު 9،500ން މައްޗަށް


ހޯމަ ދުވަހު ތުރުކީވިލާތަށާއި ސޫރިޔާއަށް އައި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު 7،108އަށް އަރާފައިވާކަމަށް ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ. ސޫރިޔާއިން މަރުވި މީހުންގެ އަދަދު 2,530އަށް އަރާފައިވާއިރު، ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 9،600ން މައްޗަށް ވަނީ އަރާފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އެ އަދަދުތައް އިތުރުވަމުންދާނެ ކަމަށް ބެލެވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށްވެސް ވަނީ ހުރަސްއެޅިފައެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި 10 ސިޓީގައި ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ހާލުގައި ޖެހިފައިވާ ހިސާބުތަކަށް ޒިޔާރާތްކުރައްވަން ހަމަޖެހިފައިވާކަމަށް އެޤައުމުގެ ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާއިރު ބިންހެލުމުގެ އަސަރުކޮށްފައިވާ ސޫރިޔާއަށް 4.4 މިލިއަން ޑޮލަރުގެ ކުއްލި އިންސާނީ އެހީއެއް ދޭނެކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވިއެވެ. މައޯ ވިދާޅުވީ ކުއްލި އެހީގެ ތެރެއިން ދެ މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި އަދި އިމަޖެންސީގައި ބޭނުންވާނެ އިތުރު ތަކެތި ފޮނުވާނެކަމަށެވެ. މީގެ އިތުރުން ޗައިނާއިން މިހާރު ވަނީ ތުރުކީވިލާތާށް 5.8 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ގިނަ އަދަދެއްގެ ޤައުމުތަކާއި ޖަމިއްޔާތަކުން ވަނީ އިޖާބަދީފައެވެ.

ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ. އެއަށްފަހު، 7.6 ގެ ބާރުމިނުގައި އިތުރު ބިންހެލުމަކާއި، ގިނަ ލޮޅުންތަކެއް އެ ސަރަޙައްދަށް އައެވެ. ބިންހެލުންތަކުގައި އެ ދެ ޤައުމުގައި 5,600 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާއިރު، އެތަކެއް ހާސް ބަޔަކު ވަނީ ޢިމާރާތްތަކުގެ ދަށުވެފައެވެ. ވެއްޓުނު ޢިމާރާތްތަކުގެ ތެރޭގައި އުސްކޮށް ބިނާކޮށްފައިވާ ޢިމާރާތްތައް ވެސް ހިމެނެއެވެ.