ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރަން ޖެހުމުން ޗާޕްކުރި، 3.9 ބިލިއަން ރުފިޔާގެ ތެރެއިން 462.2 މިލިއަން ރުފިޔާ ސަރުކާރުން އަނބުރާ ދައްކާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.
ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރަން ނުވަތަ ފައިސާ ޗާޕުކުރަން މަޖިލީހުން ހުއްދަދިނީ ކޯވިޑާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ނަމަވެސް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިންޕްލޭޝަންއަށް އަސަރުކޮށް، ދިވެހި ރުފިޔާގެ އަގަށް އަސަރުކުރާތީ މިއީ އެމްއެމްއޭއިން ތާއީދުކުރާކަމެއް ނޫނެވެ.
މަޖިލީހުން ދިން ހުއްދައިގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ވަނީ ސަރުކާރުން ޗާޕްކޮށްފައެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުން ދައްކާގޮތުން މި އަދަދުން 462.2 މިލިއަން ރުފިޔާ މިހާރު ސަރުކާރުން ވަނީ ދައްކާފައެވެ. އެހެންކަމުން ދެން ބާކީއޮތީ 3.4 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ފުރަތަމަ އަހަރު ނެގި ފައިސާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފައެވެ. އިތުރަށް ޗާޕްކޮށްގެން ނަގާ ފައިސާ އަނބުރާ ސަރުކާރުން ދައްކާކަން ކަށަވަރުކުރަން އެމްއެމްއޭއިން މަޖިލީހުގައި ވަނީ އެދިފައެވެ. އަދި އިތުރަށް ފައިސާ އޯވަޑްރޯކުރަން ސަރުކާރުން އެދިފައެއް ނުވެއެވެ.
ޗާޕު ކުރި ފައިސާ އަނބުރާ ދައްކަން ފަށާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ދައުލަތުގެ މާލީ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ. އަދި މިއަހަރުން ފެށިގެން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް މިދިޔަމަހުވެސް ވަނީ ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބިފައެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު މީރާއިން 3.40 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީއާއި އަޅާބަލާއިރު %43.1 އިތުރު އަދަދެކެވެ. އަދި މިއީ ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %43.6 އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.