ޚަބަރު

ނަޝީދުގެ ފަރުވާގެ މުއްދަތު އިތުރު ނުކޮށްދޭން ނިންމާފައެއްނުވޭ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށް ނުދެއްވުން ނިންމަވާފައިވާކަމަށް ދެކެވޭ ވާހަކަތައް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ދޮގުކުރައްވައިފިއެވެ. ޢުމަރު ނަޞީރު ވިދާޅުވީ ނަޝީދު ބޭސްފަރުވާގެ މުއްދަތު އިތުރުނުކުރެއްވުމަށް ސަރުކާރުން ނިންމާވައިނުވާކަމަށެވެ. ކަރެކްޝަނަލް ސާރވިސުން ވިދާޅުވީ ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމާމެދު ގޮތެއް ނިންމެވުމަށް އިތުރު ލިޔެކިޔުންތަކެއް ބޭނުންވާތީ އެ ލިޔެކިޔުންތައް ހަމަކުރުމަށް މެޑިކަލް ބޯރޑުން ނަޝީދަށް އިތުރު ފުރުޞަތެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން މިހާތަނަށް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަމަށްވެސް ކަރެކްޝަނަލް ސާރވިސުން ވިދާޅުވެއެވެ. ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން މުޙައްމަދު ނަޝީދު ހުށައެޅުއްވި ލިޔންތަކުގައި ހޮސްޕިޓަލްގެ ތައްގަނޑު ނެތުމާއި އެ ލިޔުމުގައިވާ ޑޮކްޓަރުގެ ސޮޔާމެދު ސައްކު އުފެދޭކަމަށްވެސް ކަރެކްޝަނަލް ސާރވިސުން ވިދާޅުވެއެވެ. މީގެ އިތުރުން ނަޝީދު ހުށައަޅުއްވާފައިވާ ލިޔުންތައް ލިބިވަޑައިގެންފައިވަނީ ހޮސްޕިޓަލްގެ މެއިލް އެޑްރެހުން ނޫންކަމަށާއި އެ ލިޔުމުގައިވާ ލެޓަރ ހެޑަކީ ހޮސްޕިޓަލްގެ ލެޓަރހެޑްކަމާމެދު ޝައްކު އުފެދޭކަމަށްވެސް ކަރެކްޝަނަލް ސާރވިސުން ވިދާޅުވެއެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ހުއްދަ ނަންގަވައިގެން އިނގިރޭސިވިލާތަށް މުޙައްމަދު ނަޝީދު ފުރާވަޑާއިގަތީ މިދިޔަ މަހުގެ އަށާރަވަނަދުވަހުގެ ރެއެވެ. ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު އެ ޤައުމުގެ ބޮޑުވަޒީރާ ބައްދަލްކުރައްވައި، ބައެއް ޓީވީ ސްޓޭޝަންތަކަށް އިންޓަރވިއު ދެއްވައި ނޫސްވެރިންނާ ނަޝީދު ބައްދަލްކުރައްވާ ހައްދަވާފައިވެއެވެ. ބޭސްފަރުވާ ކުރެއްވުމަށް ތިރީސްދުވަހުގެ މުއްދަތެއް ސަރުކާރުން ދެއްވާފައިވާއިރު ނަޝީދުގެ ބޭސްފަރުވާގެ ކަންކަންދާ ގޮތުން މުއްދަތު އިތުރުކުރައްވަން އެދިވަޑައިގެންފިނަމަ އެކަން ކޮށްދެއްވާނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.