ދުނިޔެ

ހަނގުރާމަ ނުހުއްޓުވިއްޖެނަމަ ސީރިއާ ޤައުމެއްގެ ގޮތުގައި ނޯންނާނެ


ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ނުހުއްޓުވިއްޖެނަމަ އެއްބައިވަންތަ އެއްގައުމެއްގެ ގޮތުގައި އެގައުމު ދެމިއޮތުން އުނދަގޫ ވެގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެއެވެއެމެރިކާގެ ސެނެޓްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ސޫރިޔާ ބައިބައިވެގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ. އެމެރިކާއާއި ރަޝިޔާ އިސްކޮށް އޮވެގެން އިޢުލާންކުރި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާބެހޭ މައުލޫމާތު ސެނެޓްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީ އަށް ދެއްވަމުން ކެރީ ވިދާޅުވީ މިއެއްބަސްވުމަށް އަމަލުކޮށްގެން ސޫރިޔާގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ފުރުސަތު އޮތީ އެގައުމުގެ ސަރުކާރާއި އިދިކޮޅު ޖަމާއަތްތަކުގެ އަތްމަތީގައި ކަމަށެވެ. ކެރީ ވިދާޅުވީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ސޫރިޔާގެ ވާދަވެރި ސިޔާސީ ފަރާތްތަކުން އަމަލުކުރާގޮތް ކުރިޔަށްއޮތް ދުވަސްތަކުގައި ފެންނާނެކަމަށާ އަދި އެ އެއްބަސްވުން ކާމިޔާބުވާނެކަން ނުވަތަ ނޫންކަންވެސް ކުރިޔަށްއޮތް ދުވަސްތަކުގައި އެނިގެންދާނެކަމަށެވެ. ސޫރިޔާ ބައިބައިވެދާނެކަމުގެ އިންޒާރު ދެއްވަމުން ކެރީ ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ އެއްގައުމެއްގެ ގޮތުގައި ސޫރިޔާ ދެމިއޮތުމުގެ ފުރްސަތު ނެތިގެން ހިނގައި ދާނެކަމަށެވެ. "މީހަކު މޭޒެއްގެ ކައިރީގޮސް އިށީންދެ އިނދެ ވާހަކަ ދައްކައިގެން ސޫރިޔާގެ މައްސަލައާމެދު ކަންތައްކުރާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިދާނެ، ނަމަވެސް މިކަން ލަސްކޮށްފިނަމަ އެއްބައިވަންތަ އެއްގައުމެއްގެ ގޮތުގައި ސޫރިޔާ ބޭއްވުމުގެ ވަގުތު ފާއިތުވެގެން ހިނގައިދާނެ، މައްސަލައަކީ މިއީ." ކެރީ ވިދާޅުވިއެވެ.ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލުކުރާކަން އެގައުމުގެ އިދިކޮޅު ފަރާތްތަކާ އަދި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުންވެސްވަނީ ހާމަކޮށްފައެވެ. ނަމަވެސް ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތައް މީގައި ޝާމިލް ނުވާތީ މިއެއްބަސްވުން ފުރިހަމަ ނުވާކަމަށްބުނެ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.  މީގެއިތުރުން އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ހޯމަދުވަހު މިއެއްބަސްވުން އިޢުލާން ކުރެއްވުމާއެކު ސޫރިޔާ ގައި ރަޝިޔާ ހިންގާ އަސްކަރީ ހަރަކާތްތައް ކުރިޔަށްވުރެ ބޮޑަށް  ވަރުގަދަކޮށްފައިވާ ކަމުގެ ޝަކުވާވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކުރަންފަށާފައެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގެރެންޓީއެއް ބޭނުންކަމަށްވެސް  އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ސޫރިޔާ ސަރުކާރުންވަނީ އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް ލިބޭ ބޭރުގެ އެހީއަކީ މިއެއްބަސް ރޫޅިގެން ހިނގައިދާނެކަމެއް ކަމަށް ސިފަކޮށްފައެވެ. ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބޭނުމަކީ އަސީރުން މިނިވަން ކުރުމާއި ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނަސް ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމުގެ އިތުރުން ސޫރިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ޖެނީވާގައި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދެވޭނެ މާހައުލެއް ގާއިމް ކުރުމެވެ. ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ސޫރިޔާގައި ވަކި ފަރާތްތަކަށް ނުޖެހޭ އިންތިގާލީ ސަރުކާރެއް ވަކި މުއްދަތަކަށް ގާއިމްކޮށް އެއަށްފަހު ހުރިހާ ފަރާތްތަކެއްވެސް ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަކަށް ސޫރިޔާގެ ވެރިކަން ބަދަލުކުރުން ކަމަށް ކެރީ ވިދާޅުވި. މިކަން ކުރެވޭނީ ރައީސް ބައްޝާރުލްއަސަދު މުހިއްމު ނިންމުންތަކެއް ނިންމަވައިގެންކަމަށާ މިކަމުގައި ރަޝިޔާގެ އިޚްލާސްތެރިކަން ހުރި މިންވަރު ފަހުން އެނގިގެންދާނެ ކަމަށް ޖޯންކެރީ ވިދާޅުވިއެވެ.