ދުނިޔެ

ފްރާންސްގެ ރައީސް ޕެރޫއަށް ވަޑައިގެންފި


ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ޕެރޫ އަށް ވަޑައިގެން އެގައުމުގެ ރައީސް އޮލަންޓާ ހުމާލާ އާ ބައްދަލުކުރައްވައިފިއެވެ. އޮލާންދްގެ މިދަތުރުފުޅަކީ ފާއިތުވި ފަންސާސް އެއްއަހަރުގެ ތެރޭގައި ފަރަންސޭސި ރައީސަކު ޕެރޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެކެވެ. ނަވާރަސަތޭކަ ދަސްދޮޅަސް ހަތަރު ވަނައަހަރު ފަރަންސޭސި އޭރުގެ ރައީސް ޖެނެރަލް ޗާލްސް ޑިގޯލް ޕެރޫއަށް ކުރެއްވި ޒިޔާރަތަށްފަހު ފަރަންސޭސި ރައީސަކު އެގައުމަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އޮލާންދްގެ މިދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެއްކަމަށް އެގައުމުގެ މީޑިޔާއިންވަނީ ސިފަކޮށްފައެވެ. އޮލާންދް އާއި ޕެރޫގެ ރައީސް، ކުރެއްވި މަޝްވަރާތަކުގައި އިސްކަން ދެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު ޕެރިހުގައި ބޭއްވި ދުނިޔޭގެ މޫސުމާބެހޭ ސަމިޓްގެ ނިންމުންތައް ތަންފީޒުކުރުމާ ބެހޭގޮތުންނާ އަދި ދެގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާބެހޭގޮތުން ކަމަށް ޚަބަރުލިބެއެވެ. ފަރަންސޭސި ރައީސް އޮލާންދް ލެޓިން އެމެރިކާއަށް ފައްޓަވާފައިވާ މިދަތުރުފުޅުގައި ޕެރޫގެ އިތުރުން އާޖެންޓީނާއާއި އުރުގުވޭ އަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.