ހިޔާ ސަރަޙައްދުގައި ކުނިކަހާ އެސަރަޙައްދުގެ ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަ ކުރުމަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ޢިއުލާންކޮށްފިއެވެ.
އެޗްޑީސީންވަނީ ޖުމްލަ 136 މުވައްޒަފުން ހޯދުމަށް ޢިއުލާންކޮށްފައެވެ.
ހިޔާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެސަރަޙައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ޒިންމާއެކެވެ. އެކަން ކަށަވަރުކުރުމަށް އެޗްޑީސީން އަންނަނީ އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުންފުނިން މިހާރުވަނީ 136 މުވައްޒަފުން ހޯދުމަށް ޢިއުލާންކޮށްފައެވެ. އަލަށް ހޯދަން ޢިއުލާންކުރި މަޤާމްތަކުގެ ތެރޭގައި ހިމެނެނީ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި ސާފުތާރިހުކަން ކަށަވަރުކުރުމަށް 48 ސަޕޯޓް ސްޓާފުންނެވެ. އެޗްޑީސީގެ ޢިއުލާނުގައިވަނީ މިދެމަޤާމަށްވެސް މުސާރައިގެ ގޮތުގައި 10500 ރުފިޔާ ކަނޑައަޅާފައެވެ.
މިވަޒީފާތަކަށް މީހުން ނެގުމަށް ޚާއްސަ އޯޕަންޑޭއެއް ބޭއްވުމަށް އެޗްޑީސީންވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 10 އެއްވާ ހުކުރު ދުވަހުގެ ހަވީރު 4 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް އަދި ރޭގަނޑު 8 އިން ފެށިގެން 10 ޖެހުމާއި ހަމައަށް އޯޕަންޑޭ ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިއޯޕަންޑޭގެ ތެރެއިން ވޯކް-އިން އިންޓަވިއު ކުރިއަށްގެންދިޔުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ. އެޗްޑީސީން ވިދާޅުވީ އޯޕަންޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުޞަތައް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އައި.ޑީ ކާޑްގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީ ހުށައަޅަންޖެހޭނެކަމަށެވެ.
We’re looking for individuals who can help us ensure that #MageyHiyaa remains a clean, safe and secure place for everyone. If you think this job is for you, join us on our Open Day and show us your potential! #TeamHDC pic.twitter.com/1DfAw4TioP
— HDC (@hdcmaldives) March 5, 2023
ހިޔާގެ ފްލެޓްތަކުގެ އާބާދީ އިތުރުވަމުން އަންނަނައިރު އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ އަދި ޒަރޫޒީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަޖެހިގެން ހިތްފަސޭހަކަމާއެކު އުޅެވޭނެހެން މުނިފޫހި ފިލުވުމުގެ ގިނަ ކަންކަންވެސް ދެވަނަ ފިޔަވަހީގައި އަންނަނީ ހަމަޖައްސަމުންނެވެ.