ވިޔަފާރި

އުރީދޫގެ ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފި


މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މިއީ މުޅި ޖުމްލަ 135،649،994 (ސަތޭކަ ތިރީސް ފަސް މިލިއަން ހަސަތޭކަ ސާޅީސް ނުވަހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް) ހިއްސާއެވެ. އެއީ އުރީދޫ މޯލްޑިވްސްގެ ހިއްސާގެ ތެރެއިން %91.78 ހިއްސާއެވެ.

މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 87 އިންސައްތަ ވޯޓުންނެވެ. މިއީ އޭގެ ކުރީ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އަދަދަށްވުރެ 34 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2021 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ވަނީ ފާސްކޮށްފައެވެ. އޮޑިޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރައިޒް ވޯޓަރ ހައުސް ކޫޕާސްއެވެ. އެމީހުން އައްޔަންކޮށްފައިވަނީ 62،920 ޑޮލަރަށެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އާމްދަނީއަކީ 560 މިލިއަން ރުފިޔާއެވެ. އެއީ 2021 ވަނަ އަހަރަށް ވުރެ 21 އިންސައްތައިގެ ކުރިއެރުމެކެވެ.

އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރުއެވެ. އެއަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެއެވެ. އެއީ މިހާތަނަށް އުރީދޫއަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ.