މިދިޔަ މަހު 1000 ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކުށުގެ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު އޮގަސްޓު މަހު ޖުމްލަ 1091 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. މިދިޔަމަހު ރިޕޯޓުކުރި މައްސަލަތަކުގެ %31.3 އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތެކެވެ.
• މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލަ
• ވައްކަމުގެ 257 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ
• އެއްޗެތި ގެއްލިގެން 88 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ
• މާރާމާރީގެ 42 މައްސަލަ
• ޖިންސީ ކުށުގެ 27 މައްސަލަ
• ގެވެށި އަނިޔާގެ 24 މައްސަލަ
• ޚިޔާނަތުގެ 17 މައްސަލަ
• ފޯޖް ކުރުމުގެ 11 މައްސަލަ
• ފޭރުމުގެ 9 މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 8566 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ.
މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2351 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޓްރެފިކް އެކްސިޑެންޓްތަކާގުޅުން ހުރި 2042 މައްސަލައެެއް ރިޕޯޓުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ 1844 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެއަކީ ކުށްމަދު އަމާން ވެށްޓަކަށް ހެދުމަށްޓަކާ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ތަފާތު މަސައްކަތްތައްކުރަމުންނެވެ. އެގޮތުން ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ ކުށްތަކުގެ ބާވަތްތަކަށް އާންމުން ހޭލުންތެރިކުރުމަށާއި ޓްރެފިކް ޤާނޫނުތަކާއި ޤަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.