ވިޔަފާރި

ބީއެމްއެލްގެ މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފި


ބޭންކް އޮފް މޯލްޑިވްސް މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ. ބޭންކުގެ 200 އެއްހާ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ބީއެމްއެލްއިން ބުނީ މި ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދު ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ލޯކަލް މާކެޓުގައި ކުލަވެސް ވަނީ ލާފައެވެ.

މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް އާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށެވެ.

މިއީ، މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މި ހަރަކާތުން ގިނަ އަދަދެއްގެ ޕްލާސްޓިކް މޫދާއި އެއްގަމުން ނަގާފައިވާކަމަށެވެ.

"މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލް އިންވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." ސައީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ސާފްކުރުމުގެ މިހަރަކާތުގައި މާލެއިން ގާތްގަޑަކަށް ޖުމްލަ 8 ޓަނުގެ ކުނި ނަގާފައިވެއެވެ. އަދި ޖަމްބޯ ބޭގުގެ 6 ބޭގް ފުރާ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފައެވެ. ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.