ޚަބަރު

އޮޅުވާލައިގެން މިދިޔަ އަހަރު 33 މިލިއަން ރުފިޔާ، އައު ޓްރެންޑަކަށް "އޮންލައިން ވިޔަފާރި"


މިިދިޔަ އަހަރު އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ހޯދުމާއި ގުޅޭ 1360 މައްސަލައެއްގައި 33މިލިއަނަށްވުރެ ގިނަ ރުފިޔާ އެކައުންޓްތަކުން ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އޮޅުވާލައިގެން ސްކޭމްގެ ގޮތުގައި އެކައުންޓްތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވާގޮތުގައި މިފަދަ މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވާން ފެށީ 2014ވަނަ އަހަރުއެވެ. އޭރު އޮޅުވާލައިގެން ފައިސާ ހޯދަމުން އައީ، ޕްރީޕެއިޑް ނަންބަރުތަކަށް ކާޑު އެޅުމާއި، އަދި ބޭންކް ކާޑުތަކުގެ މަޢުލޫމާތު އޮޅުވާލައިގެން ހޯދައިގެންނެވެ.

ނަމަވެސް މިކަން ކުރާ ގޮތަށް މިހާރު ވަނީ ބޮޑެތި ބަދަލުތައް އައިސަފައެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ޒަމާނާ އެއްގޮތަށް އުކުޅުތައް ބަދަލުކޮށް، އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަކަން ފާހަގަވާކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އާއްމުވީ، އެކިކަހަލަ ލިންކްތައް ފޮނުވުމާއި، މީހުންގެ ޒާތީ އީމެއިލް އައިޑީތަކަށް ވަދެ ބޭންކްގެ މަޢުލޫމާތު ނަގާ ފައިސާ ހޯދުންކަމަށެވެ. އަދި އޭގެފަހުން އެކި އިދާރާތަކުގެ އެކިއެކި ސްކީމްތަކުގެ ނަމުގައި ގުޅާ، އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަކަމަށެވެ.

ނަމަވެސް މިހާރު މިދުވަސްކޮޅު، އޮންލައިން ވިޔަފާރީގެ މުޢާމަލާތްތަކުން ފައިސާ ގެއްލޭ މައްސަލަތައް ރިޕޯޓްކުރަމުންދާ މިންވަރު އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އޮންލައިން ވިޔަފާރި ޕޭޖުތަކާ ގުޅުންހުރި 250އަށްވުރެ ގިނަ މައްސަލަ ބޭންކަށް މިދިޔަ އަހަރު ހުށައެޅި ކަމަށާއި، މި ހަފްތާގެ ތެރޭގައިވެސް މީގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

"މި ހަފްތާގައި އެބަ ރިޕޯޓްކުރޭ އޮންލައިން ޕޭޖުތަކުން އެއްޗެހިގަންނަން ފައިސާ ދައްކާ، އެންމެ ފަހުން އެ ޕްރޮޑަކްޓްވެސް ފައިސާވެސް ނުލިބޭ މައްސަލަ. ދެން އެ ޕޭޖްތަކުން ބްލޮކްކޮށް ޑިލީޓްކުރާ މައްސަލަ. އެހެންވީމަ މައްސަލަ ބަލަންވެސް ދަތިވޭ." ސަޢީދު ވިދާޅުވިއެވެ.

ހަމަ މިގޮތަށް، ޓެލެގްރާމާއި ވައިބާ ގްރޫޕްތަކުގައި ޑޮލަރު ވިއްކުމާއި ގަތުމަށް ޖަހާފައި ހުންނަ މީހުންނާއި ކުރާ މުޢާމަލާތުގައި، އެ ފައިސާ ނުލިބޭ މައްސަލަތައްވެސް އިތުރުވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޑޮލަރު އެކްސްޗޭންޖާއިގުޅޭ 300އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ބޭންކަށް ހުށައެޅިފައިވެއެވެ.

މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްކެއް ބޭންކުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެމީހާގެ އިންޓަނެޓް ބޭންކިން، ކޭޝް ކާޑު ނުވަތަ ޒާތީ މަޢުލޫމާތު ހިމެނޭ އީމެއިލްފަދަ އެއްވެސް ވަސީލަތެއްގެ މަޢުލޫމާތު ޙިއްސާ ނުކުރުމަށް ވަނީ އެދިފައެވެ.

އަދި އެއްވެސް ޚިދުމަތަކަށް ބޭންކުން ލިންކް މެދުވެރިކޮށް މުޢާމަލާތް ނުހިންގާނެކަމަށްވެސް ބޭންކުން ބުނެއެވެ.