ދުނިޔެ

އައިއެސްގެ ބާރުގެ ދަށުގައ އޮތް ރަށެއް ސޫރިޔާ ސަރުކާރުގެ ދަށަށް


އައިއެސް ޖަމާޢަތުގެ އަތްދަށުގައިވާ ސޫރިޔާގެ އިތުރު ރަށެއް އެޤައުމުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަޤިއްލު ޖަމާޢަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަންރައިޓްސް ބުނާގޮތުން ސޫރިޔާ ސިފައިން މިނިވަންކުރީ ސޫރިޔާގެ އުތުރުގެ ސިޓީއެއްކަމަށްވާ ޙަލަބްގެ ކައިރީގައިވާ ޚަނާސިރު ނަމަކަށްކިޔާ ރަށެކެވެ.

ޚަނާސިރު މިނިވަންކޮށް އެރަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވުނީ ރަޝިޔާ ސިފައިން ދިން ވައިގެ ވަރުގަދަ ޙަމަލާތަކަކާއެކު އެއްގަމު މަގުން ސޫރިޔާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަންރައިޓްސްއިން ބުނެއެވެ. ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުގެ އެއްބަސްވުމާ އެއްގޮތަށް އަންނަ ހޮނިހިރުދުވަހުގެ ރޭ މެންދަމު ބާރަގަޑި ސުންމިނެޓުގައި ޙަމަލާތައް ހުއްޓާލާނެކަން ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތައް ހާމާކޮށްފައިވާއިރު މިއެއްބަސްވުމުގައި އައިއެސް ޖަމާޢަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާޢަތްތައް ޝާމިލް ވެފައެއްނުވެއެވެ.