މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބައި މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށްވުރެ %22.7 އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 483624 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 394204 ފަތުރުވެރިންނާއި އަޅާބަލާއިރު %22.7 އިތުރު ޢަދަދެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5898 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއާއިއެކު ކުރިއަށް އޮތް ހަފްތާ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ފަހަނައަޅާ ދާނެއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގޮތުން، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 59987 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރަޝިއާގެ އިތުރުން އެހެން ޤައުމުތަކުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
• އިންޑިއާ - 52276 ފަތުރުވެރިން
• އިނގިރޭސިވިލާތް – 44839 ފަތުރުވެރިން
• އިޓަލީ - 43267 ފަތުރުވެރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޯވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުންދިޔަ ޤައުމުކަމުގައިވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލާ އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން ވަނީ ޒިޔާރަތްކުރަން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް 15175 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއާއިއެކު އެޤައުމަކީ މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.