ޚަބަރު

ކުދި ވިޔަފާރިތަކަށް ކުރިއެރުވުމަށް އުފެއްދި ބެންކުން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

އެސްޑީއެފްސީން މައުލޫމާތުދޭ ގޮތުގައި އެ ބޭންކުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަށައިގަންނަ ވިޔަފާރިތަކަށެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ޗީފް ކްރެޑިޓް އޮފިސަރ ފާތިމަތު ލަމްހާ ވިދާޅުވީ އެސްޑީއެފްސީގެ ލޯން އެހީއަށް އެދޭ ވިޔަފާރިތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެކޯޕަރޭޝަންއިން މިހާތަނަށް 1200 ލޯން އެޕްރޫވްކޮށް، 1100 ލޯން ދޫކޮށްފައިވާކަމަށް ލަމްހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕޯޓްފޯލިއޯއަށް ބަލާލިކަމުގައި ވީނަމަވެސް، އަޅުގަނޑަށް ހީވަނީ ވަރަށް ރީއްޗަށް ރިޕްރެޒެންޓްކޮށްލެވޭނެ ކަންނޭނގެ. އަޅުގަނޑުމެންނަށް މިހާތަނަށް އެޕްރޫވްކުރެވިފަ އެބައޮތް 1200 ލޯން. މިއީ 1.6 ބިލިއަން ރުފިޔާ. މީގެތެރެއިން މިހާތަނަށް ދޫކުރެވިފައި މިވަނީ 1100 ލޯން. އެއަކީ 1.2 ބިލިއަން ރުފިޔާ." ލަމްހާ ވިދާޅުވިއެވެ.

ލަމްހާ ވިދާޅުވީ އެކޯޕަރޭޝަންއިން މިހާތަނަށް އެންމެ ގިނައިން ލޯން ދޫކޮށްފައިވަނީ ފަށަައިގަންނަ ވިޔަފާރިތަކަށްކަމަށެވެ. އެގޮތުން، ފަށައިގަންނަ ވިޔަފާރިތަކުގެ ތެރެއިން 500 ވިޔަފާރިއަކަށް ލޯން ދޫކޮށްފައިވާކަމަށް ލަމްހާ ވިދާޅުވިއެވެ.

ލަމްހާ ވިދާޅުވީ ފަށައިގަންނަ ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް އެކޯޕަރޭޝަންއިން ލޯން ދޫކޮށްފައިވާކަމަށެވެ. އެގޮތުން 700 ވިޔަފާރިއަކަށް މިހާތަނަށް ލޯން ދޫކޮށްފައިވާކަން ލަމްހާ ފާހަގަކުރެއްވިއެވެ. މީގެތުރުން ފަތުރުވެރިކަމުގެ ދާއިރާއިން 3300 އެނދު ނެރުމަށް އެހިތެރިވެފާވާކަމަށް ލަމްހާ ވިދާޅުވިއެވެ. އަދި 200 އަށްވުރެ ގިނަ ހޯލްސޭލް އަދި ރީތެއިލް ވިޔަފާރިއަކަށް، 100 އަށްވުރެ ގިނަ ކެފޭ އަދި ރެސްޓޯރެންޓަތަކަށް ލޯން ދީފައިވާކަމަށްވެސް ލަމްހާ ފާހަގަކުރެއްވިއެވެ.

"މިއީ އެިކޮނޮމީއެއްގެ ތެރޭގައި ދައުރުވާ ވަރަށް ގިނަ ފައިށާ. ވަރަށް ގިނަ ބައެއްގެ ލައިވްލީ ހުޑް. އެހެންވީމަ ޑައިރެކްޓްލީއާއި އިންޑައިރެކްޓްލީ ވަރަށް ގިނަ ގޮތްގޮތަށް އެހީތެރިކަން އެބަފޯރުކޮށްދެވޭ ކުދި ވިޔަފާރިތަކަށް ފައިނޭންސް ކުރުމުގެ ގޮތުން" ލަމްހާ ވިދާޅުވިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޤާއިމްކުރެއްވިއެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބެންކުގެ ފޮނި މީރުކަން ލިބެން ފަށާފައިވާއިރު، އެބެންކުގެ ހަމައެކަނި ޒިންމާއަކީ ލޯނު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަކީވެސް އެސްއެމްއީ ބެންކުގެ ވަރަށް ބޮޑު މަޤްޞަދެކެވެ.

އެސްއެމްއީ ބެންކެއް ޤާއިމްކުރުމުގެ އިތުރުންވެސް، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެެ. އެގޮތުން ވިޔަފާރިތަކަށް ދަތިވާ ގޮތަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެދިފައިވާ ޤަވާޢިދުތައް އިޞްލާޙުކުރެވި ވިޔަފާރިވެރިންނަށް ހުރި އުނދަގޫތަކާއި ހުރަސްތައް ދެނެގަނެ އެކަންކަން ނައްތާލެވި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް ފަހި ވިޔަފާރި މާޙައުލެއް ޤާއިމްކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުވާދިނުމަށް ޚާއްޞަ މަރުކަޒުތައް ހެދުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.