ދުނިޔެ

އިސްރާއިލާ ދެކޮޅަށް ހަނގުރާމަކުރާކަށް ނުވިސްނަން- ހަމާސް


އިސްރާއީލާ ހަނގުރާމަކުރަން ނުވިސްނާކަމަށް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުން ބުނެފިއެވެ. ހަމާސްގެ އިސްވެރިއަކު ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނަށް އޮތް އެންމެ ބޮޑު ބިރުކަމަށާއި އަދި ކޮންމެ ދުވަހަކު އިސްރާއީލު ދޭ ޙަމަލާތަކުގައި ފަލަސްތީނުގެ އާންމުން ޝަހީދުވަމުން ދާނަމަވެސް އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ދިފާޢީ ހަނގުރާމައެއް ފެށުމުގެ ޕްލޭނެއް މިވަގުތު ނެތްކަމަށެވެ.

ބޭރުގެ ބައެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙަމާސް ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ ޑރ. މަހްމޫދު އައްޒައްހާރު ވިދާޅުވީ ޙަމާސްއިން ޣައްޒާގެ އެކިކަންކޮޅުތަކުގައި ބިންގަރާސްތައް ހަދާފައިވަނީ ހަނގުރާމަ ކުރަން ނޫންކަމަށާ ދިފާއީ ބޭނުންތަކަށް ޓަކައި ކަމަށެވެ. އިސްރާއީލަކީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ފަލަސްތީނުގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތައް ފަދަ މަދަނީ ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ ކުށެއްނެތް އާންމުން މަރަމުން ގެންދާ ހަރުކަށި އަނިޔާވެރި ގައުމަކަށްވާތީ އިސްރާއީލުގެ ވައިގެ ޙަމަލާތަކުން ދިފާއުވުމަށް ބިންގަރާސްތައް ހުންނަންޖެހޭ ކަމަށް ޒައްހާރު ވިދާޅުވިއެވެ. ޒައްހާރަކީ އޭނާ އަވަހަރަކޮށްލުމަށް އިސްރާއީލުން ދިން އެތަށް ޙަމަލާތަކަކުން ސަލާމަތްވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ޒައްހާރު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އިސްވެ ޙަމަލާ ދިނުމުގެ ވިސްނުން ޙަމާސްއިން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް އުދުވާން ހިންގުމަށް މަސައްކަތްކުރާތީ އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރަންޖެހޭކަމަށް ޒައްހާރު ވިދާޅުވިއެވެ.

"މިސަރަހައްދުގައި އެއްވެސް މީހަކު ހަނގުރާމަ ކުރުމަށް މަސައްކަތެއް ނުކުރޭ، އިސްރާއިލާ ކުރިމަތިލުމުގެ ވިސްނުމެއް އަހަރެމެން ނުގެންގުޅެން، އެކަމަކު އެމީހުން އަހަރެމެންނާ ދެކޮޅަށް އުދުވާން ހިންގަން މަސައްކަތް ކުރާނަމަ އަހަރެމެންގެ އަމިއްލަ ނަފްސުގެ ދިފާއު ކުރުމަށް މަސައްކަތް ކުރަންޖެހޭ." ޒައްހާރު ވިދާޅުވިއެވެ.

ހަމާސް އަކީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއްމާރުން ފަލަސްތީނު މިނިވަން ކުރުމުގެ މާތް މަގްސަދުގައި ނަވާރަ ސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.

ހަމާސްގެ މަގްސަދަކީ ނަވާރަސަތޭކަ ސާޅީސް އަށް ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުމާއެކު އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތަކާ އަދި ނަވާރަސަތޭކަ ފަސްދޮޅަސް ހަތެއްގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ މިނިވަންކޮށް ފަލަސްތީނުގެ މުޅި ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމެވެ. މިކަމަށްޓަކައި ޙަމާސްއިން ވަނީ ބޮޑެތި ގުރްބާނީތަކެއްވެފައެވެ. ނަމަވެސް ހަމާސްއިން މިހާރުވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމުގެ ވިސްނުމަށްވެސް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އިސްރާއީލާއެކު ގާއިމް ކުރަން ތައްޔާރަށް އޮތްކަމަށްވެސް ޙަމާސް އިން ބުނެއެވެ. ނަމަވެސް އިސްރާއީލުގެ މަގްސަދަކީ ހަމާސް ޖަމާއަތް ނައްތާލައި އެޖަމާއަތް ވުޖޫދުން ފުހެލުމެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށްވެސް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ. ޙަމާސްއިން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުންވަނީ ޙަމާސްގެ އެތަށް ލީޑަރުންނެއް ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ޙަމާސްގެ މުއައްސިސު އައްޝައިޚް އަހްމަދު ޔާސީން އާއި ހަމާސްގެ އިސްވެރިއެއްކަމަށްވާ ޑރ. އަބްދުލްއަޒީޒް އައްރަންތީސީ ފަދަ އެޖަމާއަތުގެ އެތަށް ލީޑަރުން ހިމެނެއެވެ.